ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިއަށްދާ އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހް ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ސާބިއާގެ ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާބިއާގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެބޭފުޅުންވެސް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އަލުން އާކުރުމަށް އުއްމީދުކުރައްވާ ކަން ފާހަގަކުރައްވަމުންނެވެ.
ރައީސް ސޯލިހް މިއަދު ގަތަރުގައި ސާބިއާގެ ރައީސްއާ ބައްދަލުކުރެއްވި ނަމަވެސް ގަތަރު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނުގެން ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވެސް ސާބިއާ އަށެވެ. ރައީސްގެ ސާބިއާ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.