އިބްރާހިމް ރިޒާ

ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބާއްވަނީ

Mar 8, 2023

ކ. ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަވެފައިވާ އިބްރާހީމް ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ގުރައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ "އުސްތާޒު ރިޒާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ނަމުގަ އެވެ.

މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުމްލަ 10 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ބަލައިގެންނާއި ހިތުން ކިޔެވުމުގެ ބައި އޮންނާނެ އެވެ.

ގުރައިދޫގެ ރަށްވެހިންނާއި އެ ރަށު ސްކޫލްގައި ކިޔަވާ ދަރިވަރުންނާއި އަދި ގުރައިދޫގައި ރަޖިސްޓްރީ ވެފައި ނެތް ނަމަވެސް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ގުރައިދޫގައި ރަޖިސްޓްރީވެފައިވާ ކުދިންނަށްވެސް މި މުބާރާތުގައި ބައިވެރިވެވެ އެވެ.

އިބްރާހީމް ރިޒާ އަވަހާރަވީ ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ވެސް ހުޅުވި އެވެ.

އަވަހާރަވިއިރު ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.