ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ދަތުރާ ދިމާކޮށް ގުރައިދޫގައި ވަރުގަދަ ހަމަނުޖެހުމެއް

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ކުރެއްވި ކެމްޕޭން ދަތުރާ ދިމާކޮށް ގުރައިދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގައިފި އެވެ.

މިއަދު ހަވީރު މި ހަމަނުޖެހުން ހިނގީ މުއިއްޒު ގުރައިދޫ އަށް ވަޑައިގަންނަވާތީ އޭނާއަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމްގެ ބަޔަކު ބަނދަރު ސަރަހައްދުގައި އެއްވެ ތިއްބާ އެތަނަށް ވަދެގެން އެމްޑީޕީގެ ބައެއްގެ ސަބަބުންނެވެ.

ފުރަތަމަ ޒުވާބު ކުރުމަށްފަހު އެކަން އިތުރަށް ގޯސްވެ ހަމަނުޖެހުމަކަށް ބަދަލުވެ ދެ މީހެއްގެ ބޯފަޅާލާފައިވެ އެވެ. އެއް ބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވެ އެވެ.

ފުލުހުން މިއަދުގެ ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ޒުވާނަކު ގުރައިދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މުއިއްޒު ގުރައިދޫއަށް ވަޑައިގަތީ މި ހަމަނެޖުން ކޮންޓްރޯލް ކުރި ފަހުން މިރޭ 6:45 ވަނިކޮށެވެ.

މުއިއްޒު ބައިވެރިވާ ކެމްޕޭން ޖަލްސާއެއް މިރޭ ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.