ކްރިމިނަލް ކޯޓް

ބަންދުން ފިލި މީހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި

ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ހުކުމް އިއްވާފައިވަނީ މާލެ، މ. ހިއްސާ އާޒިފް އަބްދުލްހަލީމްގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ.

އާޒިފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ފުލުހުން އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު 8، 2022 ވަނަ ދުވަހުގެ 10:25 ހާއިރު އެވެ.

އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން އޭނާ ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ ވަނީ ފިލާފަ އެވެ.

މައްސަލާގެ އިބްތިދާއީ މަރުހަލާގައި އަދި އަވަސްނިޔާގެ އަޑުއެހުމުގައި އާޒިފް ކުށަށް އިއުތިރާފުވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.

އޭނާގެ މައްޗަށް ކްރިިނަލް ކޯޓުން އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ އަދަބު ވަނީ 21،600 ރުފިޔާގެ ޖޫރިމަނާ އަދަބަކަށް ބަދަލުކޮށްފަ އެވެ. އެ ފައިސާ މާޗް ހަތް ވަނަ ދުވަހުންގެ ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އާޒިފް އަބްދުލްހަލީމަށް ހުކުމްކޮށްފަ އެވެ.