ދިވެހި ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ފާއިތުވި ދެ މަސް ތެރޭގައި 163 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
އެސްޑީއެފަށް މިއަހަރު ޖަމާ ކުރުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 870 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެސްޑީއެފަށް ޖަމާ ކޮށްފައި ވަނީ 820 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ މިހާތަނަށް އެސްޑީއެފަށް ޖަމާވެފައި ވަނީ ބަޖެޓުކޮށްފައިވާ އަދަދުގެ 18 އިންސައްތަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެސްޑީއެފަށް ޖަމާކޮށްފައި ވަނީ 6.4 ބިލިއަން ރުފިޔާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޑީއެފް އުފައްދާފައި ވަނީ ބޭރުގެ ލޯނުތައް ދައްކަން ސަރުކާރަށް ދަތިވާ ހާލަތުތަކުގައި ސޮވަރިން ފަންޑުގެ ފައިސާ އިން ލޯނު ދެއްކުމެވެ.
އެމްއެމްއޭއާ އެކު ހަދާފައިވާ ހާއްސަ ކޮމިޓީއަކުން ކުރިން އެސްޑީއެފް ބަލަހައްޓަމުން އައި ނަމަވެސް މިހާރު އެ ފަންޑު ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީންނެވެ.
އެސްޑީއެފް ހިންގުން ފިނޭންސް މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިސްލާހުގައިވާ ގޮތުން އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑެކެވެ. އަދި އެސްޑީއެފް އިންވެސްޓް ކުރާނެ ގޮތްތައް ނިންމަން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ އެވެ.
އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ވެސް ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުގައި ވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ ގާނޫނުގައި ކުރިންވެސް އޮތް ގޮތަށް ބޭއްވުމަށް ކަނޑައަޅާފަ އެވެ.
ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި ފިނޭންސް މިނިސްޓަރަށް ލިބިދޭ ގޮތަށް ބަދަލުކުރުމަށް ކޮމިޓީގެ މެންބަރުން ދެކޮޅު ހެއްދެވީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އެރުމާ ގުޅިގެންނެވެ.