ހަބަރު

ހޯރަފުށީ ސަލީމަށް ހާޓް އެޓޭކެއްޖެހި ފަރުވާ ދެނީ

ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހިގެން އޭޑިކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

ސަލީމަށް ހާޓް އެޓޭކް ޖެހުނީ ފަތިހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެނގިފައިވެ އެވެ.

އިތުބާރު ކުރެވޭ މަސްދަތުތަކުން އެނގިފައިވާ ގޮތުގައި މިހާރު ހޮސްޕިޓަލުން އަންނަނީ ސަލީމުގެ ހިތުގެ އޮޕަރޭޝަނެއް ކުރަމުންނެވެ.

ސަލީމަކީ 1984 ވަނަ އަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. އޭގެފަހުން 1990 ވަނަ އަހަރާ ހަމައަށް "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު "މިއަދު" ނޫހުގެ އެޑިޓަރުކަންވެސް ކުރެއްވި އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ ގައުމީ އިނާމު ދީފަ އެވެ. އަދި ނޫސްވެރިކަމުގެ ރަންޔޫބީލްގެ ރަންގަލަމާއި އަލިމަސްޔޫބީލްގެ އަލިމަސް ގަލަން ލިބުނެވެ. ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ސަލީމަކީ ކުޅަދާނަ ޅެންވެރިއެއް ވެސް މެ އެވެ.

ނޫސްވެރިކަން ދޫކޮށްލުމަށްފަހު ސަލީމް މަސައްކަތް ކުރައްވަމުން އައީ ދިވެހި ބަސް އުގަންނައިދޭ ބޭފުޅެއްގެ ގޮތުގައެވެ.