ފިނިޕޭޖް

އެކަޑަމީ އެވޯޑްސް: އޭޝިއާގެ ފަންނާނުން ތާރީހުގައި ލިޔެވިއްޖެ

މިއަހަރުގެ އެކަޑަމީ "އޮސްކާ" އެވޯޑް އާދިއްތަ ދުވަހުގެ ރޭ ބޭއްވިއިރު، މި އަހަރަކީ އޭޝިއާ، ހާއްސަކޮށް ޗައިނީޒް މީހުން ސްކްރީންތަކުގައި ކާމިޔާބުކަމާއެކު ސިފަކޮށްދީ، ތާރިހުގައި ނަން ލިޔެލި އަހަރެކެވެ.

މިގޮތުން މި އަހަރުގެ އެވޯޑް ޝޯގައި އެންމެ ގިނަ އެވޯޑް ހޯދާފައިވަނީ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" އެވެ.

މި ފިލްމަށް ލިބުނު 11 ނޮމިނޭޝަންގެ ތެރެއިން ހަތް އެވޯޑް ހޯދި އެވެ. އެއީ ބެސްޓް ޕިކްޗާ، ބެސްޓް ޑައިރެކްޓަރު، ބެސްޓް އެކްޓްރެސް، ބެސްޓް ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސް، ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ އާއި ބެސްޓް ފިލްމު އެޑިޓިން ހިމެނެ އެވެ.

މިޝޭލް ޔޯ ވަނީ ބެސްޓް އެކްޓްރެސް އެވޯޑް ލިބުނު ފުރަތަމަ އޭޝިއާގެ އެކްޓްރަސްއަށް ވެފަ އެވެ. އަދި ހަމަ އެހެންމެ ކޭ ހުވޭ ކުއާން ވަނީ ބެސްޓް ސަޕޯޓިން އެކްޓަރު ލިބުނު ފުރަތަމަ އޭޝިއާގެ އެކްޓަރަށް ވެފަ އެވެ.

އަދި ރިއާނާ އާއި ލޭޑީ ގާގާ ދަށްކޮށްލައި، އެސް އެސް ރާއްޖަމޫލީގެ "އާރްއާރްއާރް"ގެ "ނާޓޫނާޓޫ" ހެދި އެމްއެމް ކީއްރަވާނީއަށް ބެސްޓް އޮރިޖިނަލް ސޯންގް އެވޯޑް ލިބި، މި އެވޯޑް ލިބުނު ފުރަތަމަ އިންޑިއާގެ ފިލްމުގެ ގޮތުގައި "އާރްއާރްއާރް" ތާރީހުގައި ނަން ލިޔެލި އެވެ.

"ސްލަމްޑޯގް މިލިއަނާ"ގެ "ޖޭ ހޯ" ލަވަ ހެދި އޭއާރް ރަހްމާނަށް 2009 ވަނަ އަހަރު މި އެވޯޑް ލިބިފައިވާއިރު، އެ ފިލްމަކީ އިނގިރޭސި ވިލާތުން އިންޑިއާ އަށް ބިނާކޮށް ހެދި ފިލްމެކެވެ. މީގެ އިތުރުން އިންޑިއާގެ ޑޮކިއުމެންޓަރީ ކުރު ފިލްމް "ދަ އެލެފަންޓް ވިސްޕަރާ" އަށް ވެސް ވަނީ އެ ކެޓަގަރީއިން އެވޯޑް ލިބިފަ އެވެ.

ބެސްޓް ކޮސްޓިއުމް ޑިޒައިން ލިބިފައިވަނީ "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ"ގެ ކޮސްޓިއުމް ޑިޒައިނާ ރޫތް ކާޓާ އަށެވެ. ރޫތް އަށް ވަނީ މި އެވޯޑް "ބްލެކްޕެންތާ" އަށް ވެސް ލިބި، ކަޅު ނަސްލުގެ މި އެވޯޑް ލިބުނު ފުރަތަމަ އަންހެން މީހާ އާއި މި އެވޯޑް ދެވަނަ ފަރަހަރަށް ލިބުނު ފުރަތަމަ ކަޅު ނަސްލުގެ މީހާއަށް ވެފަ އެވެ.

އޭޝިއާގެ ފަންނާނުންގެ އިތުރުން ފާހަގަކޮށްލެވޭ އެވޯޑްތަކުގެ ތެރޭގައި ބެސްޓް އެކްޓަރުގެ އެވޯޑް "ދަ ވޭލް" އިން ބްރެންޑަން ފްރޭޒާ އާއި ބެސްޓް ސަޕޯޓިން އެކްޓްރަސްގެ އެވޯޑް ޖޭމީ ލީ ކާޓިސްއަށް ލިބުނުކަން ފާހަގަކުރެވެ އެވެ. "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަށް ބެސްޓް ވިޝުއަލް އިފެކްސްޓް އެވޯޑް ލިބިފައިވާއިރު، ބެސްޓް ސައުންޑް ލިބިފައިވަނީ "ޓޮޕް ގަން: މެވްރިކް" އަށެވެ.