ތ. ގުރައިދޫ

ގުރައިދޫގެ ކުރީގެ ދެ ކައުންސިލަރަކަށް ދައުވާކޮށްދޭން އެދިއްޖެ

Mar 14, 2023

އިއުލާން ނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދުއާއި އެ ކައުންސިލްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ސަރާހުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މި ދެ ބޭފުޅުންނަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީ އިން ބުނީ މި ދެ ބޭފުޅުން ކައުންސިލްގައި ތިއްބެވިއިރު ބިންތަކެއް ބަޔަކަށް ދޫކޮށްފައިވަނީ ހެދިފައިވާ ގަވައިދާއި އުސޫލާ ހިލާފަށް ކަމަށެވެ. އެގޮތުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ. ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އައި އުސޫލާއި ހިލާފަށް އަމަލުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދުއާ މުހައްމަދު ސަރާހު ސޮއިކޮށްފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ. އެހެންކަމުން ގަވައިދާ ހިލާފަށް ބިންތައް ދޫކުރުމުގައި މި ދެ ބޭފުޅުންގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.