ދުނިޔެ

އޮބާމާ އަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން އަޅަނީ ކޮން ފިޔަވަޅުތަކެއް؟

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ. އޭނާގެ މި ދަތުރުފުޅަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުޅި އިންޑިއާ ތައްޔާރުވަމުން އަންނައިރު ކުރިއަށް އޮތް މި ތިން ދުވަސް ވެގެންދާނީ އިންޑިއާގެ ތާރީޚުގައި ވެސް އެ ގައުމު ކުރިމަތިލާ އެންމެ ބޮޑު ސެކިއުރިޓީ ޓެސްޓަށެވެ.

މިހާރުގެ ވެސް ނިއު ދިއްލީގެ ވަރަށް ގިނަ މަގުތަކެއް ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ޗެކްޕޮއިންޓްތައް ވެސް ވަނީ އިންތިހާ އަށް އިތުރުކޮށްފަ އެވެ. ތަޖުރިބާކާރުން ބުނަނީ މީގެ ކުރިން އިންޑިއާ މި ފެންވަރުގައި ގައުމެއްގެ ލީޑަރަކަށް މަރުހަބާކިޔަން ތައްޔާރުވެފައި ނުވާ ކަމަށެވެ.

އޮބާމާގެ ދަތުރުފުޅަށް ހާއްސަކޮށްގެން ނިއު ދިއްލީގައި ވަނީ، ސަލާމަތީ ކަންކަމަށް ފާރަލުމަށް ހާއްސަ 15،000 ކެމެރާ އަލަށް އިންސްޓޯލްކޮށްފަ އެވެ. އޮބާމާގެ ޝަރަފުގައި އިންޑިއާ އިން އަރުވާ އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމަށް އޮބާމާ ވަޑައިގަތުމަށް ހަމަޖެހިފައިވާ މަގު، ރާޖުޕާތުގައި އެކަނި ވެސް 165 ކެމެރާ ހަރުކޮށްފައި އެބަހުއްޓެވެ.

އިންޑިއާގެ އޮފިޝަލުންނާ އެކު މި ކެމެރާތަކުގެ ފުޓޭޖު އިންސްޕެކްޓްކުރުމުގައި އެމެރިކާގެ ހާއްސަ ޓީމެއް ވެސް ބައިވެރިވާނެ އެވެ.

އޮބާމާގެ މޮޓޯކޭޑަށް ހާއްސަކޮށްފައިވާ މަގުތައް އިންޑިއާގެ ސަލާމަތީބާރުތަކުން އާންމުންނަށް ބަންދުކޮށްގެން އުޅޭތާ ވެސް މިހާރު ހަފުތާއެއްވީ އެވެ.

ނިއު ދިއްލީގެ އެންމެ މަޝްހޫރު އަދި އެންމެ ފެންވަރު ރަނގަޅު އެއް ހޮޓަލަކީ ދަ މައޫރްޔާ ޝެރަޓޮން އެވެ. މިއީ މިފަހަރު ވެސް އޮބާމާ ނިއު ދިއްލީގައި މަޑުކުރެއްވުމަށް ހަމަޖެހިފައިވާ ހޮޓަލެވެ.

މި ހޮޓަލަކީ އެމެރިކާގެ ރައީސުންނާ ހާއްސަ ގުޅުމެއް ވެސް އޮތް ހޮޓަލެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަނާއި ޖޯޖް ޑްބްލިއު ބުޝް އިންޑިއާ އަށް ވަޑައިގެން ވެސް ތިއްބެވީ މި ހޮޓަލުގަ އެވެ. އަދި އޮބާމާގެ ދެކަނބަލުން 2010 ވަނަ އަހަރު ނިއު ދިއްލީ އަށް ކުރެއްދި ދަތުރުފުޅުގައި ވެސް މަޑުކުރެއްވީ މި ހޮޓަލުގަ އެވެ.

އޮބާމާގެ މިފަހަރުގެ ދަތުރުފުޅާ ދިމާކޮށް މި ހޮޓަލުގެ 438 ރޫމް ވެސް ވަނީ އޭނާގެ ވަފުދަށް ހާއްސަކޮށްފަ އެވެ. މުޅި ހޮޓެލް އެއްކޮށް އޮބާމާގެ ވަފުދަށް ހާއްސަކޮށްފައިވާއިރު މި ދަތުރުފުޅު ނިމެންދެން މި ހޮޓަލުގެ ދޮރުތައް އާދައިގެން ގެސްޓުންނަށް ބަންދެވެ.

އޮބާމާ ވަޑައިގަންނަވާއިރަށް އޭނާގެ ހާއްސަ ސެކިއުރިޓީ ޓީމުން ދަނީ ހޮޓެލްގެ ސަލާމަތީ ކަންކަން ވެސް ބަލައި ފާސްކުރަމުންނެވެ.

އޮބާމާގެ ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރައްވާ މި ކާރު މީގެ ދެ ތިން ދުވަސްކުރިން ނިއު ދިއްލީ އަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އޮބާމާ އެ ބޭފުޅާގެ ރަސްމީ ކާރުކޮޅު އިންޑިއާ އަށް ގެންދެވުމަކީ އިންޑިއާގެ ރަސްމީ ފަރާތްތައް ވެސް އެހާ ގަޔާވާ ކަމެއް ނޫނެވެ.

ސަބަބަކީ މިއީ އިންޑިއާގެ ސަގާފަތާ ހިލާފު ކަމަކަށްވާތީ އެވެ. އިންޑިއާގައި އޮންނަނީ، އެގައުމަށް ވަޑައިގަންނަވާ ލީޑަރު އެގައުމުގެ ރައީސްއާ އެކު އެ ބޭފުޅާގެ ކާރުކޮޅުގައި ރަސްމީ މައިދާނަށް ވަޑައިގަތުމުގެ ސަގާފަތެކެވެ.

ފަހަރެއްގައި އިންޑިއާގެ ރައީސު ބޭނުންކުރައްވާ ކާރުކޮޅު، ސަލާމަތީ ސަބަބުތަކާ ހުރެ އޮބާމާގެ ޓީމަށް ކަމުނުދިޔައީ އެވެ. އޮބާމާގެ "ބީސްޓް" އަކީ އާދަޔާހިލާފަށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާ ކާރެކެވެ.

އިންޑިއާ އިން އެގައުމުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިފަހުން ބޭއްވި ރަސްމީ ހަފުލާ އަށް ހާއްސަކޮށްގެން، ނޯ-ފްލައި ޒޯންއެއްގެ ގޮތުގައި 300 ކިލޯމީޓަރުގެ ރޭޑިއަސް ސަރަހައްދެއް ކަނޑައެޅި އެވެ. އޮބާމާގެ ދަތުރުފުޅަށް ހާއްސަކޮށްގެން ނޯ-ފްލައި ޒޯން 400 ކިލޯމީޓަރުގެ ރޭޑިއަސް އަކަށް ބޮޑުކުރެ އެވެ.

މީގެ މާނަ އަކީ އޮބާމާގެ މި ދަތުރުފުޅާ ދިމާކޮށް ނިއު ދިއްލީ އަށް އޮބާމާގެ ވަފުދާ ގުޅޭ މަތިންދާބޯޓްތައް ފިޔަވައި އިތުރު އެހެން އެއްވެސް މަތިންދާބޯޓަކަށް ގާތް ވެސް ނުވެވޭނެ ކަމެވެ.

ނިއު ދިއްލީ އާއި އާގްރާ އަދި ޖައިޕޫރަށް ވެސް ފްލައިޓް ތިރިކޮށް އުދުހުން މަނާވާނެ އެވެ.

ނަމަވެސް މިއީ އެއްގޮތަކަށް ވެސް އެމެރިކާގެ ސީކްރެޓް ސާވިސްގެ އެދުމަކާ ގުޅިގެން އިންޑިއާ އިން ކޮށްފައިވާ ކަމެކެވެ. އެމެރިކާ އިން އެދުނީ ހަމައެކަނި ފަސް ކިލޯމީޓަރުގެ ރޭޑިއަސްއެއް ނޯ-ފްލައި ޒޯނަކަށް ހަދައި ދިނުމަށެވެ.

ގާތްގަނޑަކަށް 24 ސްނިފާ ޑޯގްސްގެ ސްކޮޑަކާ އެކު އެމެރިކާގެ ސީކްރެޓް ސާވިސްގެ ހާއްސަ ޓީމެއް ވަނީ މިހާރު ވެސް ނިއު ދިއްލީ އަށް އަރައިފަ އެވެ. ކުއްތާތައް ވެސް ތިބުމަށް ހަމަޖެހިފައި ވަނީ ފަސްތަރީގެ ހޮޓަލެއްގަ އެވެ.

މި ޑޯގް ސްކޮޑަށް ނިސްބަތްވާ ބައެއް ކުއްތާތަކަށް ދީފައިވާ ނަންތަކުގެ ތެރެއިން ހަރިކޭން އާއި ޖޯޑަން އަދި ރޮކް އާއި ފްރެޑްރިކް ފާހަގަކޮށްލެވެ އެވެ. މިއީ އަސްކަރީ މަގާމުތައް ވެސް ލިބިފައިވާ ކުއްތާތަކެކެވެ.