މޯލްޑިވްސް ޕޮލިސް ސާވިސް

ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހާ ހޯދާތާ އެއްމަސް

Mar 16, 2023

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ހޯދަމުންދާ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު (25އ) އަދިވެސް ހޯދިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފައިހް ނިޒާމު ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މަހު 15 ގައެވެ. އެހެންކަމުން އޭނާ ހޯދަމުންދާތާ އެއްމަސްވީ އެވެ.

ފުލުހުން ބުނީ ފައިހް ހޯދަމުންދަނީ ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި ފައިހްއަށް ތުހުމަތުކުރާ މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ވަނީ ފައިހްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.