އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށްގެން ދެ ޓަނުގެ ލުނބޯ ރާއްޖެއަށް އެތެރެކޮށްފި އެވެ.
އެސްޓީއޯއިން ބުނީ މިހާ ގިނަ އަދަދެއްގެ ލުނބޯ ރާއްޖެއަށް އެތެރެކުރަން ނިންމީ ރޯދަ މަހާއި ދިމާކޮށް ލުނބޮލުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނާތީ ކަމަށެވެ.
ރާއްޖޭގައި ކޮންމެ ރޯދަ މަހަކާއި ދިމާކޮށްވެސް އެއްޗެހީގެ އަގު ބޮޑުވެ އެވެ. އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ ސޯޝަލް މީޑިއާއާއި އެހެން ގޮތްގޮތުންވެސް ލުނބޮލުގެ އަގު ބޮޑުކަމަށް ބުނެ ލިބުނު ޝަކުވާތަކުގެ ސަބަބުން ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ރޯދަ މަހު ރައްޔިތުންނަށް ހެޔޮ އަގުގައި ލުނބޯ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކުމަށް ނިންމިއިރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 100 ރުފިޔާ އަށް ކަމަށް އެސްޓީއޯގެ އޮފިޝަލަކު މައުލޫމާތުދެ އެވެ. މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާ އާއި 95 ރުފިޔާ އާއި ދެމެދުގެ އަދަދެއްގަ އެވެ.
އެސްޓީއޯއިން ބާޒާރުގައި ލުނބޯ ވިއްކަމުން ދަނީ 60 ރުފިޔާއަށް ލުނބޯ ކިލޯއެއްގެ ރޭޓުންނެވެ.
ރޯދަމަހާއި ދިމާކޮށް ލުނބޮލުގެ އަގު ބޮޑުވެފައި ވަނީ ލުނބޯ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު ބާޒާރުގައި ތަކެތީގެ އަގު މިހާރުވެސް އަންނަނީ ބޮޑު ވަމުންނެވެ.