ޑރ. މުހައްމަދު މުއިއްޒު

އެސްޓީއޯ މެދުވެރިކޮށް ރޯދައަށް ކާބޯތަކެތި އަގުހެޔޮކުރަނީ

އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނެސް ރޯދަމަހަށް އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން މިހާރުވެސް އަގުހެޔޮކޮށް ކާބޯތަކެތި ވިއްކަން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައި ވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭނެ ގޮތް ގާއިމުކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށާއި އޭރުން ކާބޯތަކެތިގެ އަގު ދަށްވެ ކާނާގެ ޔަގީންކަން ލިބޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.