ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ ފަހުން ބޭއްްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރައްވައިފި އެވެ.
މަޖިލިސް އިންތިހާބު ރޯދަ ފަހުން ބޭއްވުމަށް މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ބިލް ތަސްދީގު ކުރެއްވުމަށް ފުރަތަމަ މަޖިލީހުން ފޮނުވުމުން ރައީސް މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ ފަސްކަމެއް ފާހަގަކުރެއްވުމަށްފަހު އެވެ. ނަމަވެސް މަޖިލީހުން ދެވަނަ ފަހަރަށް އިއްޔެ ބިލް ފާސްކުރީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ.
ރައީސް މިއަދު ބިލް ތަސްދީގު ކުރެއްވީ އެކަން ކުރެއްވުމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ލަފާ ދެއްވުމާ ގުޅިގެންނެވެ. ބިލް ތަސްދީގު ކުރެއްވުމަށް ބަންޑާރަނައިބް ލަފާ ދެއްވައިފިނަމަ އެގޮތަށް އަމަލުކުރައްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެ އެވެ.
ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ބޭނުންވީ އިންތިހާބު ރޯދަ ކުރިން ބޭއްވުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު ކޮންޓްރޯލް ކުރާ އެމްޑީޕީން ރޯދަ ފަހުން އިންތިހާބު ބާއްވަން ބޭނުންވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް މިއަދު ވަނީ އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ.