ރޯދަ މަހު މާލެތެރެއިން ހަލަބޮލިވާ ސަރަހައްދުތަކެއް ފާހަގަކޮށް އެ ސަރަހައްދު ތަކަށް އިތުރު ފުލުހުން ފޮނުވައި ކާރުބާރު ކުޑަކޮށް ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭގައި ފުލުހުން ހަމަޖައްސާ އިންތިޒާމުތަކާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ލުތުފީީ ވިދާޅުވީ ރޯދަ މަހު އެންމެ ބޮޑަށް ހަލަބޮލިވާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ބަލައިގެން ކަނޑައެޅި އަށް ސަރަހައްދަށް އިސްކަން ދިނުމާއެކު އެ ސަރަހައްދުތަކުގައި ފުލުހުން ތިބެ ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
"ރޯދަ މަހުގެ ހަވީރުގެ ވަގުތުގައި މި ދެންނެވި ސަރަހައްދުތައް ބާރުބޮޑުވާ ކަން ފާހަގަ ކުރެވޭ. ވީމާ އެކަމަށް ހައްލު ހޯދަން އިތުރު ފުލުހުން ވެސް ނެރޭނެ،" އޭނާ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވި ގޮތުގައި ރޯދަ މަހު އެންމެ ބޮޑަށް ހަލަބޮލި ވަނީ މާރުކޭޓް ސަރަހައްދާއި ބޮޑެތި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކެވެ. އެހެން ކަމުން އެ ސަރަހައްދުތަކުގެ ހަލަބޮލިކަން ފިލުވައިލުމަށް ދުރާލާ އެކުލަވާލާފައިވާ ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާނެ އެވެ.
ރޯދައާއެކު މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގަ އާއި ބާޒާރާއި މާރުކޭޓް ސަރަހައްދުގައި ހުންނަ ޕެލެޓްތަކާއި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އެހެން ބައެއްް ތަކެތިވެސް ނަގައި، ޒިބްރާ ކްރޮސްތަކާއި ޕާކިން ޒޯނުތަކުގެ ކުލަ އާކޮށްފައިވެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޕާކް ކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވީ އުޅަނދުތައް ވެސް ނަގާފައި ވެއެވެ.
ލުތުފީ ވިދާޅުވީ ރޯދައަށް ހާއްސަ ކޮށްގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ވަކި ވަގުތުތަކެއްގައި މާލޭގެ އުތުރު ފަރާތު މާރުކޭޓް ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން ވެސް މަނާ ކޮށްފައި ވާނެ ކަމަށެވެ. ރޯދަ މަހު މެންދުރު ފަހު 1:00 އިން ފެށިގެން މަޣްރިބު ނަމާދުގެ ވަގުތާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން މަނާކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގުގަެ އެމްޕީއެލްގެ ހެޑް އޮފީހުން ފެށިގެން އެމްއެމްއޭ ދެމެދުގައިވާ ސަރަހައްދަށެވެ.
"ރޯދަ މަހު ބާޒާރު މަތި ހަލަބޮލިވާއިރު ގިނަ އަދަދެއްގެ މީހުންނާއި އުޅަނދުފަހަރު މާލޭ މަގުތަކުގައި ވެސް ގިނަވޭ. އެގޮތަށް އެއް ވަގުތެއްގައި ގިނަ ބަޔަކު އެ ސަރަހައްދެއްގައި ހަރަކާތްތެރިވުމުން މަގުމަތި ބަލަހައްޓާ ފުލުހުންނަށް ވެސް ދަތިތައް ކުރިމަތިވޭ،" ލުތުފީ ވިދާޅުވި އެވެ.
ރޯދަ މަހުގެ ހަވީރުގެ ވަގުތުގައި ސިނަމާލެ ބްރިޖާއި، އެ ބްރިޖު ހިމެނޭ ސަރަހައްދާއި ހުޅުމާލޭގައި ކަނެކްޓިން ބްރިޖުތައް ހިމެނޭ ސަރަހައްދު ތަކުގައި ވެސް ޓްރެފިކް އިތުރު ވާނެތީ މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ވަކި ސަރަހައްދު ތަކެއް ފުލުހުން ހާއްސަ އިންތިޒާމުތަކެއްގެ ހަމަޖައްސާ ބަލަހައްޓާނެ އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަން ފުލުހުންގެ މި މަސައްކަތްތަކުގައި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް،" ލުތުފީ ވިދާޅުވި އެވެ.