އުޅަނދުތަކުގެ ސްޕެއާ މޮޑިފައިކޮށްގެން އާންމުންނަށް އުދަނގޫވާ ގޮތަށް ދުއްވަމުންދާ އުޅަނދުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.
މިބާރު ފުލުހުންނަށް ދީފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވައިދު އިސްލާހުކުރުމަށްފަހު އެވެ.
މިގަވައިދު އިސްލާހު ކޮށްފައި މިވަނީ ހުޅުމާލޭގައި މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ މެންދަމު ވަގުތެއްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު މަރުވި ހާދިސާއަށްފަހު މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ކަމާ ގުޅޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި 8 ފިޔަވަޅެއް އެޅުމަށް ރައީސް އެންގެވި އެވެ. އޭގެތެރޭގައި ހިމެނޭ އެއް ކަމަކީ އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހުކުރަން އެންގެވި އެންގެވުމެވެ.
ރައީސްގެ އެއްގެވުމާ އެއްގޮތަށް ފުލުހުންނަށް ބާރުދީ ގަވައިދު އިސްލާހުކޮށް އިއްޔެ ވަނީ އެ އިސްލާހު ގެޒެޓްކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން އުޅަނދެއްގެ ސައިލެންސަރަށް ބަދަލު ގެނެސް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވައިގެން ހިފަހައްޓާ އުޅަނދެއް ދޫކުރާނީ ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމުންނެވެ. ސައިލެންސަރު މޮޑިފައި ކޮށްފައިވާނަމަ އެކަމެއް ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާ އެންގުމަށް އަމަލު ނުކޮށްގެން ފުލުހުން ޓޯ ކުރާ އުޅަނދެއްނަމަ 15 ދުވަހުގެ ތެރޭގައި އެ އުޅަނދު އޭގެ އަސްލާ އެއްގޮތަށް ބަދަލުކުރަންވެސް ޖެހެ އެވެ. އަދި ފުލުހުން އެ އުޅަނދެއް ހިފެހެއްޓި ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމުން ސައިލެންސަރު ނުވަތަ ބަރުގޮނު އަސްލު ހުރި ގޮތަށް ބަދަލު ނުކޮށްފިނަމަ ފުލުހުން އެ ބަދަލު ގެންނާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.
މާލެ ސަރަހައްދުގައި ސައިލެންސަރަށް ބަދަލު ގެނެސް އުޅަނދު ދުއްވުމާއި، އަދި އެކި ކަހަލަ އަޑުތައް އިވޭ ބަރުގޮނު ހަރުކޮށްގެން އުޅަނދުތައް ދުއްވުމަކީ ވަރަށް އާންމު ކަމެކެވެ.