ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރުކަމާއި ގެމަނަފުށި ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ އިލްހާމް އަހްމަދު އައްޔަން ކުރައްވައިފި އެވެ.
އިލްހާމް ކުރިން ހުންނެވީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. އިލްހާމަށް ސްޕެޝަލް އެންވޯއީގެ މަގާމު ދެއްވަވާ އެކަން އިއުލާންކުރީ މިއަދު ކުރިއަށް ދިޔަ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
އިލްހާމް މީގެކުރިން ވަނީ ޑީއާރްޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. މީގެއިތުރުން އެފްއޭއެމްގެ ރައީސް ކަންވެސް ކުރައްވާފައިވެ އެވެ.
ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް އިލްހާމް ހަމަޖައްސާފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ގާސިމްގެ މަންދޫބެއްގެ ގޮތުން އިލްހާމް ބައިވެރިވެވަޑައިގެންފައި ވަނިކޮށެވެ.
ގާސިމްގެ އެޑްވައިޒަރުންގެ މަގާމަށް ވެސް މިއަދު ބައެއް ބޭފުޅުން އައްޔަންކުރައްވާފައިވެ އެވެ. މި ލިސްޓްގައި ހިމެނޭ ބޭފުޅުންނަކީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގްނީ އަދި ރީތި ވާހަކަތަކެއް ލިޔެފައިވާ ޔަޝްފާ އަބްދުލް ޣަނީ އެވެ.
މީގެއިތުރުން ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މިއަދު ވަނީ ސްޕެޝަލް އެޑްވައިޒަރުންނަށް ހަމަޖައްސާފަ އެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުއާއި ކުރީގެ މަޖިލިސް ދެ މެންބަރުން ކަމަށްވާ އަހްމަދު ނިހާނާއި ރިޔާޒު ރަޝީދު މި ލިސްޓުގައި ހިމެނެ އެވެ.