ޖުމްހޫރީ ޕާޓީ

ގާސިމުގެ ކެމްޕޭން މެނޭޖަރުންނަށް އަމީނާއި އިލްހާމް

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން މެނޭޖަރުންގެ މަގާމަށް ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމާއި ގާސިމް ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ހަމަޖައްސައިފި އެވެ.

ޖޭޕީގެ ކައުންސިލް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކެމްޕޭންގެ އެންމެހާ ކަންކަން ރާއްޖެ ދެ ބަޔަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދެކުނުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިލްހާމެވެ. އިލްހާމްއާ ހަވާލުކުރައްވާފައިވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ހުރިހާ އަތޮޅެކެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައިވެސް އިލްހާމްއާ ވަނީ ހަވާލުކުރައްވާފަ އެވެ.

ގާސިމްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިލްހާމް މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވާފަ އެވެ. އެފްއޭއެމްގެ ރައީސް ކަންވެސް ކުރައްވާފައިވާ އިލްހާމް ވަނީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިއުޓީ ލީޑަރުކަމާއި، ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމާއި މަޖިލިސްގެ ޖޮއިންޓް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމާއި ގާސިމްގެ އެޑްވައިޒަރު ކަންވެސް ކުރައްވާފަ އެވެ.

އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ އަމީން އިބްރާހީމާ ހަވާލުކުރައްވާފައިވަނީ އަތޮޅުތަކަކީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގައިވާ އަތޮޅުތަކެވެ. އަދި އަމީނަށްވެސް މާލޭގެ ދެ ބައިކުޅަ އެއްބައި ހަވާލުކުރައްވާފައިވެ އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމާއި، ކެމްޕޭން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ.

"ވީމާ މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަޅުގަނޑު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުން އެދި ދަންނަވަމެވެ،" ގާސިމްގެ މެސެޖްގައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.