އަހުމަދު ޝިޔާމް

މޮޓޯކޭޑަށް ހުރަސްއެޅުމުގެ ތުހުމަތުގައި މެންބަރު ޝިޔާމު ހައްޔަރުކޮށްފި

Mar 21, 2023
1

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ހައްޔަރުކޮށްފި އެވެ.

ޝިޔާމު ހައްޔަރުކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ހައްޔަރުކުރުމުގެ ކުރިން ހައްޔަރުކުރާ ސަަބަބު ބަޔާންކުރަން ވާނެ ކަމަށް ބުނެފައިވާތީ ޝިޔާމު ހައްޔަރުކުރަން އަންނަ ފުލުސް އޮފިސަރު، ސިޔާމު ހައްޔަރުކުރާ ސަބަބު ބުނެދޭ މަންޒަރު ފެނެ އެވެ. އެގޮތުން ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތު ޝިޔާމަށް ކުރެވޭ ކަމަށާއި ވަކީލަކު އައްޔަންކުރަން ފުރުސަތު ލިބޭނެ ކަމަށް ފުލުސް މީހާ ބުނާ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.

ޝިޔާމު ހައްޔަރުކުރާ ސަބަބު އިތުރަށް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގަތުމާ ގުޅިގެން ޝިޔާމު ހައްޔަރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މުޒާހަރާކޮށް އަދި ޝިޔާމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އައިސް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ކަމަށްވެސް ފުލުހުންގެ މީހާ ބުނާ އަޑު ވީޑިއޯގައި އިވެ އެވެ.

ޝިޔާމު ހައްޔަރުކުރުމުގެ ގޮތުން ފުލުހުންގެ އުޅަނދަށް އެރުމަށް އެންގުމުން ސުލްހަވެރިކަމާ އެކު ޝިޔާމު ފުލުހުންގެ ވެހިކަލަށް އަރާ މަންޒަރުވެސް ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 52 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، ބަންދުކުރާތާ ގިނަވެގެން އެއްގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ނުވަތަ މަޖިލީހުގެ އަމީންއާންމަށް އަންގަންވާނެ ކަމަށެވެ.