ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެހެން މަސައްކަތްތައް މަޑުޖައްސަވާލައްވާ ރައްޔިތުންގެ މަޖިލިސް އަލުން ހިންގޭނެ ގޮތެއް ހައްދަވާ ދެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މިއަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން މައުމޫން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ހުއްޓިފައިވާއިރު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެކަމަށް ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެހެން މަސައްކަތްތައް މަޑުޖައްސަވާލައްވާފަ ވިޔަސް، ކެމްޕޭން މަސައްކަތްތައް ހުއްޓަވާލައްވާފަ ވިޔަސް،" މަޖިލިސް އަލުން ހިންގޭނެ ގޮތެއް ހައްދަވާ ދެއްވުމަށް ޣައްސާން ގޮވާލެއްވި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ހުއްޓުވީ ސަރުކާރުން އެމްޑީޕީގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ނަޖާއިޒު ފައިދާތަކެއް ހޯދައިދީގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އަންނާނެކަން އެމްޑީޕީގެ މެންބަރުންނަށް އެނގޭނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.