ދުނިޔެ

އިޒްރޭލުގެ ދިފާއީ ވަޒީރު މަގާމުން ދުރުކޮށްފި

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް މަގާމުން ދުރުކޮށްފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ނުފޫޒުގަދަ ގަލާންޓް މަގާމުން ދުރުކުރީ ސަރުކާރުން ޖުޑިޝަރީ އިސްހާލުކުރަން ކަމަށް ބުނެ ގެންނަން އުޅޭ ބަދަލުތައް، މިވަގުތަށް މަޑުޖައްސާލަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވުމުންނެވެ.

ޝަރުއީ ނިޒާމު އިސްލާހުކޮށްް ބަދަލުކުރުމާ ދެކޮޅު ހެދުމުގެ ގޮތުން އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން ގެންދާތާ މެދުކެނޑުމެއް ނެތި 12 ހަފުތާ ވަނީ ވެފަ އެވެ. މިކަމުގައި ސަރުކާރުން ދޫދިނުމެއް ނެތި ކުރިއަށް ދިއުން ވެފައިވަނީ މުޅި އިޒްރޭލަށް ބޮޑު ނުރައްކަލަކަށެވެ.

އަނެއްކޮޅުން ދިފާއީ ވަޒީރު މަގާމުން ދުރުކުރުމުގެ ސަބަބުން އިތުރު އެތައް ބަޔަކު މުޒާހަރާއާ ގުޅި ނަތަންޔާހޫގެ އާއިލާ ދިރިއުޅޭ ގެއަށް ބަޔަކު ވަނީ ވަދެގެންފަ އެވެ. އެހެންކަމުން ނަތަންޔާހޫގެ އާއިލާ މިހާރު ވަނީ ސެކިއުރިޓީ އެޖެންސީގެ ހެޑްކުއާޓަރަށް ބަދަލުކޮށްފަ އެވެ.

ނަތަންޔާހޫ މި ވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.

ގަލާންޓް މަގާމުން ވަކިކުރުމުގެ ކުރިން ނަތަންޔާހޫ ވަނީ އޭނާއަށް ގުޅުއްވާފަ އެވެ. އަދި ބޮޑުވަޒީރު ގައުމުން ބޭރަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މުހިއްމު ކަމަކަށް ގަލާންޓް ދެކޮޅުހެއްދެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ގަލާންޓްއަށް ކުރިން އޮތް އިތުބާރު މިހާރު ނެތް ކަމަށްވެސް އޭނާ ގާތު ނަތަންޔާހޫ ވިދާޅުވި އެވެ.

ގަލާންޓް މަގާމުން ވަކިކުރުމުން ޓްވިޓާއަށް ނުކުމެ ވަޑައިގެން ޓްވީޓްކުރައްވައި ވިދާޅުވީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބޮޑުވަޒީރުގެ ނިންމުން ގަބޫލުނުކުރާ ކަމަށާއި ފައުޖުތައް މިހާރުވެސް ތިބީ އޭނާގެ ވިސްނުމާ އެއްގޮތަކަށް ކަމަށެވެ.

ނަތަންހޫގެ ސަރުކާރުން ޝަރުއީ ނިޒާމަށް ގެންނަ ބަދަލުތަކާ ދެކޮޅަށް އަސްކަރިއްޔާގައި ވެސް ވަނީ ޚިލާފު އުފެދި ބައިބައިވެފަ އެވެ. ސަރުކާރުން ކުރާ އަމުރުތަކަށް ތަބާވުމަށް ވައިގެ ސިފައިން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

ގަލާންޓް ވިދާޅުވި ގޮތުގައި ޝަރުއީ ބިލަށް ބަހުސްކުރުން މަޑުކޮށްލަން އޭނާ އެދިވަޑައިގަތީ އަސްކަރިއްޔާގެ ރައްކަލަކަށެވެ. އަސްކަރީ ފައުޖުތަކުން ސަރުކާރާ ދެކޮޅަށް ނުކުތުމުގެ ބިރު އޮތުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގަލާންޓް މަގާމުން ވަކިކުރުމާ ގުޅިގެން އެމެރިކާގެ ވެރިރަށް ނިއުޔޯކްގައި ހުންނަވާ އިޒްރޭލުގެ ކައުންސެލް ޖެނެރަލް އަސަފް ޒަމީރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދެއްވަމުން ޓްވީޓާގައި އޭނާ ވިދާޅުވީ މަގާމަށް ވުރެ އިޒްރޭލު ދެމިއޮތުން އޭނާއަށް މާމުހިއްމު ކަމަށެވެ.

ޝަރުއީ ނިޒާމު އިސްލާހުކުރަން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް އަނބުރާ ގެންދިއުމަށް އިޒްރޭލުގެ ރައީސް އައިސާކް ހަރްޒޮގް ވެސް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޝަރުއީ ނިޒާމަށް ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތައް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި ނަމަ، ޝަރުއީ ނިޒާމު ބަލިކަށިވެ، ބޮޑެތި މައްސަލަތައް ނިންމުމުގެ ބާރު ސީދާ ސަރުކާރަށް ލިބިގެންދާނެ އެވެ.

މިއީ ބޮޑެތި ކުށްވެރިން ކުށުން ސަލާމަތްކޮށް ކޮރަޕްޓްވެފައި ތިބި މީހުން ސަރުކާރުގައި ދެމިތިބުމަށް ރާވައިގެން ސަރުކާރުން ޖަހާ ދަންތުރައެއް ކަމަށްވެސް ވާދަވެރިން ބުނެ އެވެ.