ދީން

އަލްމާނީ ފިކުރުގެ ނުރައްކާތެރިކަން

Mar 21, 2024
1

އަލްމާނީ ފިކުރަކީ އިންސާނީ ހަޔާތުގެ އެކިއެކި ދާއިރާތަކުން ދީން ދުރުކޮށް އެކަހެރި ކުރާން ގޮވާލާ ފިކުރެވެ. ސިޔާސީ، އިޖުތިމާއީ، ތައުލީމީ، އިގްތިސާދީ، އަހްލާގީ މި ހުރިހާ ދާއިރާއަކުން ވެސް ދީން އެއްފަރާތްކޮށްލުމަށް ވަކާލާތު ކުރާ ފިކުރެކެވެ. އެއަށްފަހު އިންސާނީ ހަޔާތުގެ މި ހުރިހާ ދާއިރާތަކަކަށް ވެސް މާއްދީ ވިސްނުމާއި ހިޔާލާއި ފިކުރުގެ މައްޗަށް ކަންކަން ތަރުތީބުކޮށް އެތުރުމަށް ގޮވާލާ ފިކުރެކެވެ.

އެއީ އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި، ދުނިޔޭގައި އެ އިންސާނާ ލެއްވި ޚާލިގުވަންތަ މާތް ﷲ، އެ އިންސާނާ އުޅުމަށް ރުހިވޮޑިގެން، ހަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭނެހެން ބާއްވައިލެއްވި ނިޒާމެވެ. ދީނެވެ. ހަޔާތުގެ ދުސްތޫރެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކައިދޭ މަގުޗާޓެވެ.

އެހެންކަމުން އިސްލާމީ މުޖުތަމައެއްގައި އަލްމާނީ ފިކުރަށް ގޮވައިލެވޭނެ އެއްވެސް ހުއްޖަތެއް ނެތެވެ. އިސްލާމީ މުޖުތަމައެއްގައި އަލްމާނިއްޔަތަށް ގޮވާލުމަކީ، މުސްލިމުންގެ ހަޔާތުން އިސްލާމްދީން ނެރެ އެއްލައިލުމަށް ގޮވާލުމެވެ.

އެއީ އިންސާނާ އަކީ ރައްބެއް ރަސޫލެއްގެ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށް ބޯލަނބަން ޖެހޭ މީހެއް ނޫން ކަމުގައި ކަނޑައެޅުމަށް ގޮވާލުމެވެ. މިއީ އޭގެ ޒާތުގައި އިސްލާމްދީން ދޫކޮށް ކުފުރަށް ގޮވާލުމެވެ. އެހެނީ ހަޔާތުގެ މި ދެންނެވި މައިދާނުން ދީން ބޭރުކޮށްފިނަމަ، ދެން އެ މީހަކު ފުރިހަމަ މުސްލިމަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

އޭނާ އަކީ މާތް ﷲ އާއި އެކަލާންގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ހުކުމްފުޅުތަކަށް ރުހިގެން ހުރި މީހަކަށް ނުވާނެ އެވެ. ޝަހާދަތުގެ ދެ ކަލިމަ ލާޒިމުކުރަނީ ކޮންމެ މުސްލިމަކު ވެސް މާތް ﷲ އާއި އެކަލާންގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ހުކުމްފުޅުތަކަށް ރުހި ގަބޫލުވެ، އެ ހުކުމްފުޅުތައް އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގައްޔާއި އެ މީހެއްގެ ހަޔާތުގެ ހުރިހާ މައިދާނެއްގައި ތަންފީޒު ކުރުމަށެވެ.

އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. މުސްލިމުންގެ ތަޝްރީއީ މަސްދަރަކީ އިސްލާމްދީނެވެ. ދީނުގެ ޝަރީއަތެވެ. އިސްލާމީ ޝަރީއަތުގައި ގިނަގުނަ ހުކުމްފުޅުތަކަކާއި ހައްދުތަކެއް އެކިއެކި ކަންކަމަށް ކަނޑައަޅުއްވާފައި ވެއެވެ. އަދި އިސްލާމްދީނުގައި ވަކިގޮތަކަށް ކަނޑައަޅުއްވާފައި ނުވާ ކަންކަމަށް ގާނޫނެއް ހަދާއިރު ބަލަން ޖެހޭ މަސްދަރަކީ ވެސް އިސްލާމީ ޝަރީއަތެވެ. އެ ޝަރީއަތުގެ އުސޫލުތަކާއި ގަވައިދުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތިންނެވެ. މަގާސިދުއްޝަރިއްޔާގެ ހަމަތަކަށް ރިއާޔަތް ކުރެވި، މަސްލަހަތާއި މަފްސަދަތަށް ރިއާޔަތް ކުރެވިގެން ހެދޭ ގާނޫނުތަކަކަށް އެ ގާނޫނުތައް ވުން ލާޒިމުވެގެންވެ އެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މި ފިކުރުގެ ނުބައި ރޭވުމުގައި ޖެހިފައިވާ ބައެއް މީހުން ތިބުމަކީ ހިތާމަ ހުރި ކަމެކެވެ. މި ފިކުރުގެ ނުރައްކާތެރިކަމާއި އޭގެ ސަބަބުން އިސްލާމްދީނާއި އިސްލާމީ މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު ވިސްނާ މި ފިކުރުގެ ނުރައްކާތެރި ވަކިތަކުން ސަލާމަތްވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ.