ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީ އިން ބުނީ އިއްޔެ އިން ފެށިގެން މިމަސައްކަތް ކުރިއަށްދަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓާޕްލޭނާއި އެއްގޮތަށް ކަމަށެވެ.
ތިލަފުށި ފޭސް ދޭއްގެ ބިމުގެ ގޮތުގައި އޭރިއާ ސީގެ 20 ހެކްޓަރު ބިން ހިއްކާނެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީ އިން ބުނ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާ ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެކެވެ." އެޗްޑީސީ އިން ބުނެފައިވެ އެވެ.
ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުން ދޫކުރަން ނިންމާފައިވާ 50 ބިން ވިއްކުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.