އެޗްޑީސީ

އެޗްޑީސީ ފަރާތުން "ފަން ޑޭ"އެއް ފިޔަވަތީގެ ކުދިންނަށް

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފި އެވެ.

އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފިޔަވަތި ފަން ޑޭ" އަކީ މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކުރީގެ އަހަރުތަކާ ހިލާފަށް މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާ އެކު އެވެ.

ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީ ގައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސަޔަކުންނެވެ. އެއަށްފަހު ޕިކްނިކާއެކު ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަޓެއިންމަންޓާއި ޕޫލް ޕާޓީއެއްވެސް ވަނީ ބާއްވާފަ އެވެ.

އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފަ އެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕާޓީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުވެސް ބައިވެރިވެވަޑައިގެން، ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވައި އެކުދިންގެ ހާލު ބެއްލެވި އެވެ. އަދި މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކުރެވުނު އެއް ކަމަކީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ހަދިޔާ ކުރުމެވެ. އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ މަސައްކަތުން ވަނީ ފިޔަވަތީގައި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000 ރުފިޔާގެ ފަންޑެއް ހޯދާފަ އެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީ އިން ވަނީ އެ ފައިސާ ފިޔަވަތިއާ ހަވާލުކޮށްފަ އެވެ.

އެޗްޑީސީގެ ފަރާތުން ގޭމިން ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެ ހުންނެވި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކު އެވެ.

ޑެޕިއުޓީ މިނިސްޓަރު ހަސްމާ ވިދާޅުވީ މި ގޭމިން ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ތަނެއް ކަމަށެވެ.

"ހަމަ އެއާއެކު އެޗްޑީސީ އިން ފިޔަވަތި ކުދިންނާ މެދު ބަހައްޓަމުންގެންދާ ގާތްކަމަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އާއި ފިޔަވަތީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަން،" ހަސްމާ ވިދާޅުވި އެވެ.

ފިޔަވަތި ފަންޑޭގެ ނަމުގައި އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ފާއިތުވި ދެ އަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ކުރީ ދެ އަހަރާ ހިލާފަށް މި އަހަރުގެ މި ދުވަސް ފާހަގަކުރީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުންނެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެ އެވެ.