ދުނިޔެ

ޓްރަމްޕް ނިއުޔޯކް ފުލުހުންނާ ހަވާލެއް ނުކުރާނަން: ގަވަރުނަރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ މައްސަލައެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރަން ފެންނަ ކަމަށް ނިއުޔޯކް ފަނޑިޔާރުންގެ ޓީމަކުން އޮތީ ނިންމާފަ އެވެ.

މި މައްސަލަ ބެލުމަށްޓަކައި ދެން އޮތް މަރުހަލާގައި ޓްރަމްޕް ހައްޔަރުކޮށް ނިއުޔޯކް ފުލުހުންނާ ހަވާލުކުރަން ޖެހެ އެވެ. އެހެންނަމަވެސް، ޓްރަމްޕް ހައްޔަރުކޮށް ނިއުޔޯކަށް ފޮނުވުމުގައި އެއްވެސް އެހީތެރިކަމެއް ނުދެއްވާނެ ކަމަށް ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް ވަނީ ވިދާޅުވެފަ އެވެ.

ރޮން ޑިސާންޓިސް ކުރިން ވިދާޅުވި ގޮތުގައި ޓްރަމްޕްގެ މައްޗަށް ޝަރީއަތްކުރުމަށް ނިއުޔޯކްގެ ޕްރޮސެކިޔުޓަރުން ހިންގަން އުޅޭ މައްސަލައިގެ ތެރެއަށް އޭނާ ވަދެވަޑައި ނުގަންނަވާނެ އެވެ.

ޓްރަމްޕް ހައްޔަރުކުރުމާ ބެހޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ.

ޕްރޮސެކިޔުޓަރުން ބުނާ ގޮތުން ޓްރަމްޕް ހައްޔަރުކުރުމާ މެދު އޭނާގެ ގާނޫނީ ޓީމާ އެކު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

ގަވަރުނަރު ޑިސާންޓިސް ވެސް މިހާރު ވިދާޅުވަނީ މި މައްސަލައާ ބެހޭ ގޮތުން ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވި ގޮތަށެވެ. މި މައްސަލަ އަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައި އޮތް މައްސަލައެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ޑިސާންޓިސް ވިދާޅުވި ގޮތުގައި މެންހަޓަންގެ ޕްރޮސެކިޔުޓަރުންގެ އޮތީ ނުބައި ވިސްނުމެކެވެ. އޭނާ އަދި ވިދާޅުވީ ސިޔާސީ އިދިކޮޅު ލީޑަރެއްގެ ޒަމާން ދުއްވާލުމަށް ބަޔަކު ވިސްނާ ވިސްނުމުގައި ޕްރޮސެކިޔުޓަރުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ ކުރިންވެސް ހަމަ ވިދާޅުވި ގޮތަށެވެ. އެއީ އަންނަ އަހަރު، 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގަައި ޓްރަމްޕް ވާދަކޮށްފާނެ ކަމަށް އޮތް ބިރަށް ބަޔަކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި މި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ އިއުލާންކުރައްވާފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއް ގޮތުގައި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް ކުރިމަތިލެއްވުމަކީވެސް މި ވަގުތު އޮތް ފުރުސަތެކެވެ.

ޑޮނަލްޑް ޓްރަމްޕާއި ރޮން ޑިސާންޓިސް އަކީ ސިޔާސީ ވާދަވެރިން ކަމުން ކުރިން ހީކުރެވިފައި އޮތީ ޓްރަމްޕްގެ ހިމާޔަތުގައި ގަވަރުނަރު ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު މިއޮތީ މަންޒަރު ބަދަލުވެ ޓްރަމްޕަށް އެހީތެރިވެ ވަޑައިގަތުމަށް ގަވަރުނަރު ބަސްވިދާޅުވެފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ޑޮނަލްޑް ޓްރަމްޕް އިންތިހާބަށް ނުކުމެ ވަޑައިގެންފިނަމަ، ޑިމޮކްރެޓިކް ކެންޑިޑޭޓް -- އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ވަރަށް ބޮޑު ވާދަވެރި ކަމަކަށް ވާނެ އެވެ.