ދުނިޔެ

"އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ ޑިމޮކްރަސީ ނެތިދާނެ"

އެމެރިކާގައި މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔާބު ނުވެއްޖެނަމަ އޭގެ މާނަ އަކީ އެމެރިކާގެ ޑިމޮކްރަސީ ނިމުމަކަށް އައުން ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ އޮހަޔޯގައި އޮތް ކެމްޕޭން އެއްވުމެއްގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މި އެއްވުމުގައި ޓްރަމްޕް ދެއްކެވި ވާހަކަތަކުގައި -- 2020 ގައި އެމެރިކާގައި އޮތް ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔަބު ނުކުރެއްވުނީ ބަޔަކު މަކަރުހެދުމުން ކަމަށް އޭނާ ކުރައްވާ ތުހުމަތު ތަކުރާރުކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑަން އަށް ވެރިކަން ލިބުނީ އިންތިހާބަކުން ނޫން ކަމަށާއި އެއީ ހެޔޮކަމެއް ގޮތުގައި އޭނާއަށް ބަޔަކު ކޮށްދިން ކަމެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ޑިމޮކްރަސީ ދެމިއޮންނަން އެދޭނަމަ އޭނާ ވެރިކަމަށް އިސްކުރަން ޖެހޭ ކަމަށެއެވެ. ނޮވެމްބަރު 5 ގައި އޭނާއަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ ޑިމޮކްރެޓިކް އުސޫލުން ދެން އެމެރިކާގައި އިތުރު އިންތިހާބެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބުކުރެއްވުމާ ގުޅިގެން އެ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން އެއިރު ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަރަށް މަސައްކަތް ކުރެއްވި އެވެ. އަދި ޑިމޮކްރެޓިކް އުސޫލުން ރައީސްކަމަށް ވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ހިންގި އެވެ.

މި މައްސަލަތަކާ ގުޅިގެން ޖޯޖިއާގައި އަދި އެމެރިކާގެ ބައެއް އެހެން ސިޓީތަކުގައި ޓްރަމްޕްއާ ދެކޮޅަށް ޖިނާއީ ދައުވާތަކެއްވެސް އުފުލި އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ އޭގެ ތެރެއިން ބައެއް ކުށްތަކުން ސަލާމަތްވެ ވަޑައިގެން އިންތިހާބަށް ކުރިމަތިލެއްވޭ ވަރަށް ތާއީދު ހޯއްދަވައިގެންނެވެ.

ޓްރަމްޕް މިފަހަރު ވާދައްކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ރައީސް ޖޯ ބައިޑއަންއާ އެވެ. މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއަހަރުގެ އިންތިހާބު ވަރަށް ފޯރިގަދަވާނެ އެވެ. އަދި ޓްރަމްޕާ ބައިޑަންގެ ފަރަގު ވަރަށް ކުޑަވާނެ އެވެ.

2020 ގައި ހިނގާދިޔާ ހާދިސާތަކާ ގުޅިގެން ޓްރަމްޕްގެ ބައެއް ސަޕޯޓަރުން އަދިވެސް ތިބީ ޖަލުގަ އެވެ. ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޖަލުގައި ތިބި ސަޕޯޓަރުން ފުރަތަމަ ދުވަހު މިނިވަންކުރައްވާނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.