އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕް، އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ބަހުސަކަށް ދައުވަތު ދެއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ބައިޑަންއާ ކޮންމެ މައުލޫއަކަށް ބަހުސް ކުރެއްވުމަށްވެސް އެނާ ހުންނެވީ ތައްޔާރަށެވެ.
އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކާ ބަހުސްކުރެއްވުމަކީ، ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.
ދެ ރައީސެއްގެ ދެމެދުގައި ހުރި ފަރަގު އެމެރިކާގެ ރައްޔިތުންނަށް އެއް މޭޒު ދޮށުން ތަޖުރިބާކުރެވުމަކީ ކޮންމެހެން ވެސް ކުރެވެން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޑޮނަލްޑް ޓްރަމްޕް އެވެ. އަދި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލައްވަނީ ޖޯ ބައިޑަންނެވެ.
ނޮމްބަރު 5، އަންގާރަ ދުވަހަށް ތާވަލުކޮށްފައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން -- ރިޕަބްލިކަން ކެންޑިޑޭޓާއި ޑިމޮކްރެޓިކް ކެންޑިޑޭޓްގެ ދެމެދުގައި ޓީވީ ބަހުސެއް އޮންނާނެ އެވެ. މިއީ އެމެރިކާގެ އިންތިހާބުތަކުގައި އާދައިގެ މަތިން އޮންނަ އަޅާކިޔުމެކެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ބައިޑަންއާ ބަހުސްކުރެއްވުމަށް ވަކި ތަނެއް މުހިއްމެއް ނޫނެވެ. އަދި ވަކި ބަޔަކު ބަހުސް އިންތިޒާމު ކުރުމެއްވެސް މުހިއްމެއް ނޫނެވެ. ނަމަވެސް ބަހުސް ބާއްވާން ވާނީ އިތުބާރުކުރެވޭ މާހައުލެއްގައި، އާންމު ރައްޔިތުންނަށް ހުރިހާ ކަމެއް ހާމަވާ ގޮތަށެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން ވަޑައިގަތުމުގެ ކުރިން -- ޖެނުއަރީ 20، 2017 އިން ޖެނުއަރީ 20، 2021 އަށް -- އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ އަކީ އެމެރިކާގެ 45 ވަނަ ރައީސް އެވެ.
ޖެނުއަރީ 20، 2021 ގައި ޖޯ ބައިޑަން ރައީސްކަމަށް ވަޑައިގަތުމާ ގުޅިގެން އެމެރިކާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި -- ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ވަނީ އޭނާއަށް ތާއިދުކުރާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ.
ޓްރަމްޕް މިފަދަ މޭރުމަކުން ސޯޝަލް ނެޓްވޯކްތަކުގައި ބަސް ވިދާޅުވުމުން ސަޕޯޓަރުންގެ ބަޔަކު ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ އިމާރާތަށާއި ތަކެއްޗަށް ގެއްލުން ދީފަ އެވެ.
މިކަމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުން ސަލާމަތްވެ ވަޑައިގެން ޓްރަމްޕް އަށް މިހާރު ވަނީ ރިޕަބްލިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެވޭ ގޮތް ވެފަ އެވެ.