ދުނިޔެ

އިޒްރޭލުގެ ކިބައިން ބަދަލު ހިފާނަން: އީރާން

އިޒްރޭލު ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބޯޑަރަށް ދިން ހަމަލާތަކުގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ އޮފިސަރެއް ވަނީ މަރުވެފަ އެވެ.

އީރާނުން ބުނީ އިޒްރޭލުގެ ކިބައިން މިކަމުގައި ބަދަލު ނުހިފައި މި ފަހަރު ދޫކޮށްނުލާނެ ކަމަށެވެ.

އިޒްރޭލުގެ އަނިޔާ އާއި ޖެއްސުން އީރާނަށް ކެތްކުރެވޭ ވަރަށް ވުރެ ބޮޑުވެއްޖެ ކަމަށްވެސް ބުންޏެވެ. ގައުމުން ބޭރުގައި ހުރި އީރާންގެ އަމާޒުތަކަށް އިޒްރޭލުން ހަމަލާދެމުން ގެންދަނީ ދުރާލައި ރާވައި އަދި އެމެރިކާގެ އިރުޝާދާ އެކު ކަމަށް އިރާނުން ދެކެ އެވެ.

އީރާންގެ މި ޝަކުވާއަށް އިޒްރޭލުން އަދި ވަކި ޖަވާބެއް ނުދެ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުން ގެންދާ މިފަދަ ހަމަލާތަކާ ބެހޭ ގޮތުން ނޫސްބަޔާން ނެރެ މައުލޫމާތު އާންމުކުރުމަކީ އެ ގައުމުން އާންމު ގޮތެއްގައި ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް ބަޔަކު ރުޅިގަދަވެ އުތުރިއަރައިގަނެފިނަމަ ކުރު ބަޔާނަކުން ކޮންމެވެސް އެއްޗެއް ބުނެ އެވެ.

އައިއާރްޖީސީން ބުނާ ގޮތުން އިޒްރޭލުން ދިން ހަމަލާގައި މަރުވީ އަސްކަރީ ލަފާދާރެކެވެ. އޭނާގެ ނަމަކީ މިލާދު ހައިދަރު އެވެ.

އިޒްރޭލުން ހަމަލާ ދިންއިރު އޭނާ އުޅުނީ އަސްކަރީ އޮފިޝަލުންނާ އެކު މަޝްވަރާގައި ކަމަށްވެސް އައިއާރްޖީސީ އިން ވަނީ ބުނެފަ އެވެ.

އީރާނުން ބުނާ ގޮތުން އިޒްރޭލުން ކޮށްފައިވަނީ ޖިނާއީ ކުށެކެވެ. އެހެންކަމުން ބަދަލުހިފުމުގެ ރޫހާ އެކު ބަރުދަން ހުރި ބަދަލަކުން، ބަދަލުހިފާނެ އެވެ.

އީރާންގެ އަސްކަރިއްޔާ އިން ސީރިއާގައި ބާރުގަދަ ކުރުމަކީ އިޒްރޭލުން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެހެންނަމަވެސް، ސީރިއާ ސަރުކާރުން، ބައްޝާރުލް އަސަދު ވަނީ ސީރިއާގައި މަރުކަޒު ހަދައިގެން ތިބުމަށް އީރާންގެ އަސްކަރިއްޔާއަށް ދައުވަތު ދީފަ އެވެ.

ސީރިއާގައި އީރާނުން އަސްކަރީ މަރުކަޒު ހަދަނީ އިޒްރޭލަށް ހަމަލާދޭން ފަސޭހަކުރުމަށް ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ ވިސްނުމަކީ ސީރިއާގައި ހަރަކާތްތެރިވުމުގެ ކުޅަދާނަކަށް އީރާންގެ އަސްކަރިއްޔާއަށް ނުދިނުމެވެ.