އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ ކާމިޔާބު 28 އަހަރު

Apr 2, 2023

މިއަދަކީ އެމްޑަބްލިޔުއެސްސީ ގެ ފެނާއި ނަރުދަމާގެ ހިދުމަތަށް 28 އަހަރު ފުރޭ ދުވަހެވެ. އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ.

ފަސްދޮޅަސް މުވައްޒަފުންނާއެކު 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 1995 ވަނަ އަހަރު ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށި މިކުންފުނި މިހާރު މިވަނީ 1،000 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ދެ ލައްކަ މީހުންގެ އާބާދީއަކަށް ހިދުމަތް ފުޅާކޮށްފަ އެވެ.

މާލޭގެ އިތުރުން ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، މާފުށި، ދުވާފަރު އަދި ކުޅުދުއްފުއްޓަށް މިކުންފުނިން މިއަންނަނީ ހިދުމަތް ދެމުންނެވެ. މިއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. ކުންފުންޏަށް ލިބިފައިވާ އިތުބާރު ދަމަހައްޓާ، ދުވާލަކު އެންމެ 3،900 ޓަނުގެ ފެން އުފައްދަމުން އައި ކުންފުނިން މިހާރު ދުވާލަކު 43,000 ޓަނުގެ ފެން އުފައްދާ ފޯރުކޮށްދެމުން ދެއެވެ.

މިކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހި ގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ.

މިކުންފުނީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 28 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިކުންފުނި އުފެދިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ނަމަވެސް، މިއަދު މިވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށް ކުރެވެމުން އައި މަސައްކަތް ފުޅާވެ، 2014 ވަނަ އަހަރުން ފެށިގެން އިންޓަގްރޭޓަޑް ޔޫޓިލިޓީޒް ސާވިސަސް މޮޑެލްގެ ދަށުން ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން، ކަރަންޓުންގެ ހިދުމަތާ، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގެ ހިދުމަތާ، އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުނެވެ. އަދި މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި އަދި ކޮންސްޓަރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ފެން އުފައްދައިގެން ބާޒާރަށް ނެރެފައެވެ. "އާރޯ" ބްރޭންޑްގެ ނަމުގައި ނެރެވިގެންދިޔަ މިފެނަކީ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ ފެނެކެވެ. "އާރޯ" ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެކެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތައް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ އެއް ލީޓަރު އަދި 500 އެމް.އެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެންނެވެ. މިފުޅި ތައާރަފް ވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މިކުންފުނީގެ ފަރާތުން އެޅި މުހިންމު ފިޔަވަޅެއްވެސް މެއެވެ. މީގެ އިތުރުން ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ބާޒާރައް ނެރެ ތައާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީ އިން ދަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީ އިން އިލެކްޓޯނިކް ހިދުމަތްތައްވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން މިކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް މިކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

28 އަހަރު ކުންފުންޏަށް ފުރިގެންދާއިރު 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. މިއަހަރު ނިމިގެންދާއިރު ބައެއް ރަށްތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ އެވެ. މިހާރުވެސް ބައެއް ރަށްތަކުގެ މަސައްކަތް ނިންމައި ހިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ އަދި އިޖުތިމާއި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން އެކި އެކި ޖަމިއްޔާތަކަށާއި ކައުންސިލުތަކަށާއި ސްކޫލުތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.