މާލޭގެ ދެކުނު ފަރާތު ހިއްކި ބިމުގައި ހަދާފައި ހުރި އުސް ކޮންކްރީޓް ތާންގީގައި ދިވެހި ދިދަ އާއި އެކި ކުލަތަކުގެ ދިދަ ފަތި ދަމާފައި ހުއްޓެވެ. ތާންގީ ހަދާފައި ހުރި ޓަވަރާ ޖެހިގެން، ދެކުނު ފަރާތުގައި ހުރީ އެމްޑަބްލިއުއެސްއޭގެ އާ އޮފީސް އިމާރާތެވެ.
އޮގަސްޓް 1، 1988ގައި އެ އިމާރާތުގެ ބޭރު ފާރުގައިވެސް ދިދަފަތި ދަމާ ޒީނަތްތެރިކުރި އެވެ. އެއީ ހަގީގަތުގައި ބޮޑު ދުވަހެކެވެ. އެއީ އެ ޒަމާނުގައި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނުސާފު ފެނުގެ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމުގެ މަޝްރޫއެއްގެ ނިމުން ފާހަގަކުރި ދުވަހެވެ.
ބޭރުން ލޯނު ހޯދައިގެން ސަރުކާރުން ހިންގި ފުރަތަމަ މަޝްރޫއުގެ ކާމިޔާބުގެ އުފާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ދުވަހެވެ.
ހެނދުނު އެތަނަށް ވަޑައިގަތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ. އެމްޑަބްލިޔުއެސްއޭގެ އެތެރޭގެ ބައެއް މަސައްކަތްތައް ބައްލަވައިލައްވައި، ފެން ހޮޅީގެ ވޭލް ދޫކޮށްލެއްވުމާ އެކު، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ފެން އިސްކުރު ބަރިތަކަށް ދާން ފެށީ ލޮނުން އުފެއްދި އެހެނަސް ބޯން ވެސް ރައްކާތެރި ފެނެވެ. އެ ފެން، އުސް ތާންގީ މެދުވެރިކޮށް، ހޮޅިތަކުން ފޮނުވާލުމުން އިސްކުރު ބަރިތަކާ ހަމައަށް ދާއިރު ހުންނަނީ ކްލޮރިން ވެސް ކުރެވި، ފެނުގެ ތާހިރުކަން ކަށަވަރުވެސް ވެފަ އެވެ.
"މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ މުހިންމު މަޝްރޫއު،" ފެން ދޫކުރުން އިފްތިތާހު ކުރެއްވުމަށްފަހު ކައިރީގައި ހުރި ޖަމާލުއްދީން ސްކޫލްގެ ހޯލްގައި އޮތް ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
"މީގެ ކުރިން އާންމުންގެ ސަލާމަތަށް އެހާ ބޮޑު މަޝްރޫއެއް ހިންގާފައެއް ނުވޭ، އެހެންކަމުން އޭގެ ފައިދާ ހެޔޮ ގޮތުގައި ހިފަން އަޅުގަނޑު ގޮވާލަން." ރައީސް މައުމޫން ވިދާޅުވި އެވެ.
އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ސާފު ފެން ފޯރުކޮށްދިނުމާއި މާލޭގެ އާ ނަރުދަމާ އާއި ގޭގޭގައި ވާރޭ ފެން ރައްކާކުރާނެ ހާހަކަށް ވުރެ ގިނަ ތާންގީ ހެދި މަޝްރޫއަށް 11 މިލިއަން ޑޮލަރު (އޭރު ނަމަ ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ، މިހާރު ނަމަ 170 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. މީގެތެރެއިން ގިނަ ފައިސާ ހަމަޖެއްސީ ބޭރު ގައުމުތަކާއި ޖަމާއަތްތަކުން ދިން ލޯނުންނެވެ.
ފެނަކީ ގުދުރަތީ ގޮތުން ލިބޭ އެއްޗެއް ކަމާއި ދުވަހަކު ވެސް އެ ހުސްނުވާނެ ކަމަށް ބައެއް މީހުން ބުނާ ބުނުމަށް ރައީސް މައުމޫން އެ ދުވަހު ޖަވާބު ވެސް ދެއްވެވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ބިމު އަޑީގައި އޮތް ތާޒާ ފެން ފަށަލައަށް އަންނަމުން ދިޔަ ބޮޑު ބަދަލުތަކުން އަންގައިދެނީ މާލޭގެ ފެން ހުސްވާނެ ކަމެވެ. އެގޮތުން މާލޭގެ ތާޒާ ފެން ފަށަލައަށް ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި ހަ މިލިއަން ކިޔުބިކް މީޓަރުން ތިން މިލިއަން ކިޔުބިކް މީޓަރަށް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
1996 ވަނަ އަހަރު އެމްޑަބްލިޔުއެސްސީގެ ނަމުގައި ގައުމީ ފެން ކުންފުނި އުފެދި، މާލޭގެ ގޭބީސީތަކަށް ސާފުބޯފެން ފޯރުކޮށްދޭތާ މިހާރު މިވަނީ 27 އަހަރު ވެގެން ގޮސްފަ އެވެ.
މިހާރު އެމްޑަބްލިޔުއެސްސީ އަކީ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން އްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމްޑަބްލިޔުއެސްސީ އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިފައިވާއިރު 31 ރަށެއްގައި އަންނަނީ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.