ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދޭ ބޮޑުބަޑިތައް -- ހަނގުރާމަމަތީ ޓޭންކްތައް މަރާމާތުކުރުމަށްޓަކައި ޖަރުމަނުން ރޮމޭނިއާގައި މަރުކަޒެއް ހުޅުވައިފި އެވެ.
މިފަދަ މަރުކަޒުތަކެއް މީގެ ކުރިން ޖަރުމަނުން ވަނީ ލިތުއޭނިއާގައި ވެސް ހުޅުވާފަ އެވެ. އެއީ ނޭޓޯ ގައުމުތަކުގައި ބޭނުންކުރާ ޓޭންކްތައް މަރާމާތު ކުރުމަށެވެ.
ޔުކްރޭނަށް ފޮނުވާ ޓޭންކްތަކަށް ހަނގުރާމައިގެ މައިދާނުގައި ލިބޭ ގެއްލުންތަކުގެ ސަބަބުން ބޭނުން ނުކޮށް ދޫކޮށްލަން ޖެހިއްޖެނަމަ އެއީ އަނެއްކާ ވެސް ހުޅަނގަށް ބޮޑު މައްސަލައަކަށް ވާނެ އެވެ. ޔުކްރޭނަށް މުޅިން އާ ޓޭންކްތަކެއް ފޮނުވުމުގެ ބަދަލުގައި ކައިރި ހިސާބަކުން މަރާމާތުކުރެވޭ ގޮތް ހެދުމަކީ ފައިސާ އާއި ވަގުތު ވެސް ސަލާމަތްކުރެވޭނެ ކަމެކެވެ.
މި މަރުކަޒު ހުޅުވައި މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. މި މަރުކަޒު ބިނާކޮށްފައި ވަނީ ރޮމޭނިއާގައި، ޔުކްރޭން ބޯޑަރާ ވަރަށް ކައިރީގަ އެވެ.
އޮފިޝަލުން ބުނާ ގޮތުން މި މަރުކަޒުގައި ޓޭންކްތަކުގެ އިތުރުން ހަނގުރާމައިގައި ބޭނުންކުރާ އެހެނިހެން ހަތިޔާރު ވެސް މަރާމާތުކުރާނެ އެވެ.
އޮފިޝަލު ހަތިޔާރުގެ ވަކި ވައްތަރުތަކެއް ވަކިކޮށް ތައާރަފެއް ނުދިން ނަމަވެސް ބެލެވޭ ގޮތުގައި އެއީ ރޮކެޓް ލޯންޗަރާއި އަދި މި ބާވަތުގެ މެޝިން އިންޖީނުތައް އެކުލެވޭ ހަތިޔާރެވެ.
ޔުކްރޭން ސިފައިން ބޭނުންކުރާ އަސްކަރީ އުޅަނދުތަކާއި ކޮނޑުމަތިން މިސައިލް ފޮނުވާ ލޯންޗަރުތައް އަދި އަސްކަރީ ލޮރީތަކަށް ވެސް ޚިދުމަތް ދޭނެ ކަމަށް ބެލެވެ އެވެ.
ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް މިކަމާ ބެހޭ ގޮތުން ވިދާޅުވީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހެން ނޫނީ ސަރުކާރުތަކަށް އޮތް ވަރަށް ބޮޑު ހޭދައަކުން ސަލާމަތްވުމެއް ކަމަށެވެ.