ދީން

ހަޔާތުގައި ކުރަން ހުރި ކަންކަން ޖަމާކުރުން

Mar 30, 2024

މުދަލަކީ އިންސާނާގެ މާއްދީ އަދި އުޚްރަވީ އެތައް ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށްޓަކައި ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އެއީ ވަރަށް ބޮޑު އިމްތިހާނެއް ވެސް މެއެވެ. އެގޮތުން ފޮނި އުންމީދާއެކު ފަށާ މަސައްކަތުގެ ފައިދާއާއި ފޮނިމޭވާ ހީވެސް ނުކުރާހާ ދަރަޖައަކަށް ލިބިދާނެ އެވެ. ނުވަތަ ފައިދާއެއް ނުވެ، ހޭދަކުރި ހުރިހާ އެއްޗެއް ގެއްލި، ބަނގުރޫޓުވެސް ވެދާނެ އެވެ.

ބަގަރާ ސޫރަތުގެ 155 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުން އިމްތިހާނު ކުރައްވާ ހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ހަބަރު ކަލޭގެފާނު ދެއްވާށެވެ،"

ކޮވިޑް-19ގެ ބިރުވެރިކަމުގެ ދުވަސްވަރު އަޅުގަނޑުމެން ވެސް ތަދުމަޑުކަމުގެ ދުވަސްތަކެއް ހޭދަކުރި އެވެ. އެދުވަސްވަރު ހިތަށް މާޔޫސްކަން ވެރިވުމުގެ އިތުރުން އަތްމަތިދަތިވެ، ދަރަނިވެރިވެ މާޔޫސްކޮށް ސިކުނޑި މުޅި ހަފުސްވި އެވެ.

ޞަޙީޙު މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

"އެއްވެސް މުސްލިމަކަށް މުސީބާތެއް ކުރިމަތިވުމުން "‌إِنَّا ‌لِلَّهِ ‌وَإِنَّا ‌إِلَيْهِ ‌رَاجِعُونَ، اللّهُمَّ أَجِرْنِي فِي مُصِيبَتِي، وَاخْلُـفْ لِي خَيْرًا مِنْهَا" މިފަދައިން ކިޔައިފި ކަމުގައިވާނަމަ އެ މުސީބާތަކަށް އަޖުރު ނުދެއްވާ އަދި އެއަށްވުރެ ހެޔޮކަމެއް ނުދެއްވާ މުސީބާތެއް ނުވެ އެވެ.

މި ދުއާގެ މާނައީ، "އަޅަމެން ވަނީ ﷲއަށެވެ. އަދި އަޅަމެން އެނބުރިދާހުށީ ﷲ ޙަޟްރަތަށެވެ. އޭ ﷲ، އަޅުގެ މި މުޞީބާތަށް އަޖުރު ދެއްވާނދޭވެ! އަދި ބަދަލުގައި އެއަށްވުރެ ހެޔޮކަމެއް ދެއްވާނދޭވެ" މިއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ ވަރަށް ގިނައިން ކުރައްވާ ކަމަށް ވާރިދުވެފައިވާ ދުއާއެއްވެއެވެ.

ފަހެ އެ ދުއާ އަކީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ (البخاري)

މާނައީ:- "އޭ ﷲ، ހަމަކަށަވަރުން އަތުވެދާނޭ ނުބަޔަކާމެދު ކަންބޮޑުވެ މޮޅިވެރިވުމާއި، ވެނިމިފައިވާ ކަމަކާމެދު ހިތާމަކުރުމާއި، ކަންކަންކުރުމަށް ނުކުޅެދި ކަންނެތްވުމާއި، ދަހިވެތިކަމާއި ފިނޑިކަމާއި، ދަރަނިތައް ގިނަވެ އެކަމުގެ ދަތިކަމުންނާއި، އަދި އެހެން މީސްތަކުން (މި އަޅާގެ ނަފްސާއި ދިރިއުޅުމުގެ ބަލިކަށިކަމުގެ މައްޗަށް) ވެރިވެގަތުމުގެ ނުބައިކަމުން މި އަޅާ އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ".

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކެތްތެރިވާށެވެ. އެއީ އުފާވެރިކަމުގެ ފޮނި ބަގީޗާއަށް ވާސީލުވެވެން އޮތް ސަވާރީ އެވެ. މި ދަތުރުގައި ސާބިތުވެވޭނީ އީމާންކަންމަތީ ސާބިތުވެގެންނެވެ. އަދި ދަތުރު ކުރެވޭނީ އެކަލާންގެއާ މެދު ހެޔޮކޮށް ވިސްނައިގެންނެވެ. ހަނދާންކުރާށެވެ. އިރުއޮއްސި އަނދިރިވާ ކޮންމެ ރެޔަކަށް އުޖާލާ ފަތިހެއްވާކަން ކަށަވަރެވެ.