ރައީސް އޮފީސް

ޕާކިސްތާނާއި ރާއްޖެ ސީދާ ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި

Apr 9, 2023

ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މަޝްވަރާތައް މިއަދު ކުރިއަށް ގެންދެވީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުހައްމަދު ފައްޔާޒް ގިލާނީ، ނައިބް ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގެ ވަގުތެއްގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހްމަތްތެރި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވެފަ އެވެ.

ނައިބް ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް މަޝްވަރާ ކުރެއްވެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތުވެސް އޮޅުންފިލުއްވާފަ އެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 26، 1966 ގައެވެ.