ދަމުނަމާދުގެ މާތްކަމާ ބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ހަދީޘްތައް އައިސްފައިވެ އެވެ. އަރާމު ތަންމަތި ދޫކޮށް ރޭއަޅުކަން ކުރުމަށް ތެދުވުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ބަޔާންކުރައްވަމުން މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"ބިރުވެތިކަމާއި އުއްމީދާއެކު ދުއާ ކުރާ ހާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ." (سورة السجدة 16)
ދަމުނަމާދުކޮށް، ހާރުދަމުގެ ވަގުތު މާތް ﷲއަށް އިސްތިޣްފާރު ކުރާ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން އަންގަވަނީ ﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ﴾ (الذاريات: ١٧)
މާނައީ: "އެއުރެން ނިދައި އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތު ކޮޅެއްގަ އެވެ."
﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: ١٨)
މާނައީ: "އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދެއެވެ."
ދަމުނަމާދު ކުރެއްވުމަށް ޒުވާން ސަހާބީ ބޭކަލުންނަށް ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ހިތްވަރު ދެއްވެވި އެވެ. މި ގޮތުން އަބްދުﷲ އިބްނު އުމަރު رَضِيَ اللهُ عَنْهُمَاއަށް އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވި އެވެ.
"نِعْمَ الرَّجلُ عبدُ اللَّهِ لَو كانَ يُصَلِّي مِنَ اللَّيْلِ"(متفق عليه)
މާނައީ: "ރޭއަޅުކަން ކުރައްވައި އުޅުއްވާނަމަ، އަބްދުﷲ އަކީ ހައުދަހައިވާ ރަނގަޅު ބޭކަލެކެވެ."
އިބްނު އުމަރު رَضِيَ اللهُ عَنْهُގެ ދަރިކަލުން ސާލިމް ވިދާޅުވި އެވެ. "މި ބަސްފުޅު އިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕާފުޅު ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅަކަށް މެނުވީ ނިދި ނުކުރައްވަ އެވެ."
ރޭގަނޑު ތިން ބައިވާ ހިނދު، އާލަމްތަކުގެ ވެރި އިލާހު، ދުނިޔޭގެ އުޑަށް ނުޒޫލުވެ-ވޮޑިގަންނަވާކަން އަންނަނިވި ހަދީޘުން އެނގެ އެވެ.
"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" (متفق عليه.)
މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަހީކުރައްވާ ނެތެވެ. ތިމަން އިލާހަށް ދުއާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހެއްގެ ދުއާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."
ދަމުނަމާދު ކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާ ކުއްތަން ވުމާއި، ފާފަތައް ފުހެވިގެން ދިޔުމާއި، ފާފަތައް ކުރުމާ މެދު ހިތުގައި ނަފުރަތު އުފެދުމާއި، އުޚުރަވީ ނިއުމަތްތަކަށް ޝައުގުވެރިވުމާއި، ދުއާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްސިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާ ލިބުންވެސް ހިމެނެ އެވެ.
ހާރުދަމުގެ ވަގުތުގައި މީސްތަކުން ފުން ނިދީގެ ތެރެއަށް ގެނބިފައި ވަނިކޮށް، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ހަޟްރަތުގައި ދަންނަވާށެވެ. އެންމެ ދުއާއެއްގެ ސަބަބުން ވެސް ހުރިހާ ކަމެއް ބަދަލުވެގެން ހިނގައިދާނެ އެވެ.