ރައްޔިތުންގެ މަޖިލިސް

ދެ ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ މަޖިލީހަށް

Apr 10, 2023

ދައުރު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ދައުރު ނޫހުގެ ނޫސްވެރިޔާ އަހުމަދު ނާއިފު އާއި އެ ނޫހުގެ ސީނިއާ އެޑިޓަރަކަށް އެކި ނަންބަރުތަކުން ގުޅާ މެސެޖުކޮށް މަރުގެ އިންޒާރުދީފައިވަނީ "ސިޔާމް ހިލްޓަން މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" ނަމުގައި އެ ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ކަމަށް އެ ފަރާތްތަކުން ބުނާ ކަމަށެވެ.

"މި ދެންނެވި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލަކީ މިހާރުވެސް ސަރުކާރާއެކު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރު ދ. މީދޫ ދާއިރާގެ އިއްޒަަތްތެރި މެންބަރު އަހުމަދު ޝިޔާމް މުހައްމަދުއާ ގުޅުން އޮތް މައްސަލައަކަށް ވީހިނދު،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަލީ އާޒިމު ވިދާޅުވި އެވެ.

މީގެ ކުރިން ނޫސްވެރިންނަށް މަރުގެ އިންޒާރުދީ ނޫސްވެރިން ވަގަށް ނެގުމާއި ހަމަލާތަކުގެ ފުރިހަމަ ތަހުގީގެއް ހިންގި އިންސާފު ގާއިމުކޮށް ދެވިފައިނުވާ ކަމަށް އަލީ އާޒިމު ވިދާޅުވި އެވެ. އާޒިމު ވިދާޅުވީ އިންޒާރުތަކަށް ފިޔަވަޅު ނޭޅޭނަމަ ނޫސްވެރިކަމުގެ މިނިވަން ގެއްލިދާނެ ކަމަށެވެ.

ނޫސްވެރިންނަށްދޭ އިންޒާރުތަކަށް ސަރުކާރުގެ ތަހުގީގީ އިދާރާތަކުން ފުރިހަމައަށް ސަމާލުކަންދީ އަވަސް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.