މީހެއްގެ މައްޗަށް ލައުނަތް ލެއްވުމުގެ މާނައަކީ އެ މީހަކު ހުރިހާ ހެޔޮކަމަކުން ދުރުވެދިޔުމެވެ. ނުވަތަ ލައުނަތް ލެއްވިގެންވާ އަޅާ ﷲގެ ތަނަވަސް ރަހްމަތުން ބޭރުކޮށް ދުރުކުރުވުމެވެ. އަދި އެ މީހަކަށް އާހިރަތް ދުވަހުގެ އަޒާބާއި އުގޫބާތް ހައްގުވުމެވެ. ބައެއް އަމަލުތަކަށާއި އެކަން ކުރާ މީހުންނަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ލައުނަތް ލައްވައިފައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަން އެނގި އެ ކަންކަމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
ދިވެހި ފަސްގަނޑުން މިއަދު ފެންނަ އެއް މަންޒަރަކީ ބައެއް ފިރިހެނުން، އަންހެނުންގެ ސިފަޖެހިގެން އުޅުމެވެ. އެގޮތުން ކަރާއި، އަތާއި، ފައިގައި ގަހަނާ އެޅުމާއި، މޭކަޕްކުރުމާއި، އަންހެނުންގެ ހެދުން އެޅުން ފަދަ ކަންކަން ފާހަގަކުރެވެ އެވެ. އަދި ހަމަ މިގޮތަށް ބައެއް އަންހެނުން ފިރިހެނުންނަށް ހާއްސަ ހެދުން އަޅައިގެން އުޅޭތަން ވެސް ފެނެ އެވެ.
މިއީ ޒަމާނުގެ ތަރައްގީއާއި ހަމަހަމަކަމުގެ ތެރެއިން ލިބިގެންވާ ހައްގެއް ކަމުގައި އެބައިމީހުން ބުނެއެވެ. ނަމަވެސް މި އުއްމަތަށް އިރުޝާދު ދެއްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރައްވައިފައި ވެއެވެ.
عَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا، قَالَ: "لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ" (البخاري)
މާނައީ: ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا ރިވާކުރެއްވި އެވެ. "އަންހެނުންނާ ވަތްތަރުވެގަންނަ ފިރިހެނުންނަށާއި ފިރިހެނުންނާ ވަތްތަރުވެގަންނަ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ."
އިމާމް أبو داود ރިވާކުރައްވައިފައިވާ ހަދީޘެއްގައިވެ އެވެ. މާތް ސަހާބީ أَبِي هُرَيْرَةَ ވިދާޅުވި އެވެ.
"لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ" (أبو داود)
މާނައީ: "އަންހެނުންގެ ފޭރާމުން ފޭރާން އަޅާ ފިރިހެނުންނަށާއި ފިރިހެނުންގެ ފޭރާމުން ފޭރާން އަޅާ އަންހެނުންނަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ލައުނަތް ލެއްވި އެވެ."
މީގެ އިތުރުން ދެން އެކަލޭގެފާނުގެ ދޫފުޅުން ލައުނަތް ލައްވައިފައިވަނީ ބަނގުރާއާ ގުޅުންހުރި މީހުންނަށެވެ. އަނަސް ބިން މާލިކު رَضِي اللهُ عَنْهُ ވިދާޅުވި އެވެ.
"ރާއާ ގުޅުން ހުރި ދިހަ މީހަކަށް ލައުނަތް ހުރިކަމުގައި، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި އެވެ:- އެއީ ރާ ހަދާ މީހާއާއި، ރާ ހަދުވަން އެދޭ މީހާއާއި، ރާ ބޯ މީހާއާއި، ރާ އުފުލާ މީހާއާއި، ރާ އުފުލުވަން އެދޭ މީހާއާއި، ރާ ބޯންދޭ މީހާއާއި، ރާ ވިއްކާ މީހާއާއި، ރާއިން ލިބޭ ފައިސާގެ ބޭނުންކުރާ މީހާއާއި، ރާ ގަނެދޭ މީހާއާއި، ރާ ގަނުވަން އެދޭ މީހާ އެވެ."
މީގެ އިތުރުން ލައުނަތް ލައްވައިފައިވާ މީހުންގެ ތެރޭގައި ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއާއި ރިބާ ކާ މީހާއާއި ރިބާގެ މުއާމަލާތަށް ހެކިވާ މީހާއާއި ރިބާގެ މުއާމަލާތް ލިޔެދޭ މީހާއާއި ވައްކަންކުރާ މީހާއާއި ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑުވައިދޭ މީހާ ހިމެނެ އެވެ. އަދި ބުމަ ހަދައިދޭ މީހާއާއި ބުމަ ހަދާ މީހާއާއި ޓެޓޫ ޖަހާ މީހާއާއި ޓެޓޫ ޖަހައިދޭ މީހާއާއި ﷲ تعالىގެ އުފެއްދެވުން ބަދަލުކުރާ މީހުންނަކީ ވެސް ލައުނަތް ލެއްވިގެންވާ ބައެކެވެ.
މިފަދަ ކަންކަން މުޖުތަމައުގައި އާންމުވެ، މިއީ ކުދިކުދި ކަންކަމޭ ހީވި ނަމަވެސް، މިއީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ދޫފުޅުން ލައުނަތް ލައްވައިފައިވާ ބޮޑެތި ފާފަތަކެވެ. އެފަދަ ފާފަތައްކުރާ މީހުންނަށް އޮތީ ބިރުވެރި އިންޒާރުތަކެވެ. ދުއާ އަކީ މާތް ﷲ އަޅަމެން މިފަދަ އެންމެހާ ފާފަތަކުން ދުރުކުރައްވައި ރައްކާތެރިކުރެއްވުމެވެ.