އެފްކޮންސް

ބްރިޖު ހަދާ އެފްކޮންސް ކުންފުނި ވިއްކާލަނީ

Apr 12, 2023
1

ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލުމަށް ނިންމައިފި އެވެ.

އެފްކޮންސް އަކީ ތިލަމާލެ ބްރިޖުގެ އިތުރުން އައްޑޫ ސިޓީގެ މަގުތައްވެސް ހަދަމުންދާ ކުންފުންޏެވެ.

އެފްކޮންސް އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށް އެކަނިވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ހަރަދުކުރާނެ އެވެ. އެއީ ބްރިޖުގެ މުޅި މަޝްރޫއަށް ގާތްގަނޑަށް 8 ބިލިއަން ރުފިޔާއާއި އައްޑޫ މަގު ހެދުމަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.

އެފްކޮންސް ކުންފުންޏަކީ އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ ކުންފުންޏެކެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ވިއްކާލުމަށް މަސައްކަތް ކުރަމުންދަނީ އެފްކޮންސްގެ އިތުރުން އެސްޕީ ގުރޫޕުން އިންޑިއާގައި ހިންގާ ގޯޕާލްޕޫރު ޕޯޓެވެ.

ވިއްކާލަން މަސައްކަތް ކުރަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެސެޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މާލީ ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުވެސް އެ ކުންފުނީގެ އެސެޓްތަކެއް ވިއްކާލާފައިވެ އެެވެ.

އެފްކޮންސް ވިއްކާލުމުގެ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ އިންޑިއާ އަދި ރާއްޖޭގައި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކެއް ފެންމަތިވެ އެ މީހުން އިހްތިޖާޖުތަކެއްވެސް ކޮށްފައިވަނިކޮށެވެ. އެފްކޮންސް އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާވެސް އަދި އޮތީ ނުދައްކަ އެވެ.

ރާއްޖޭގައި އެފްކޮންސް އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސްޕީޑް ވަރަށް ބޮޑަށް ލަސްވެފައިވާތީ އެ ކުންފުންޏަށް ރާއްޖޭގައި އަބަދުވެސް ފާޑުކިޔުންވެސް އޮވެ އެވެ.