ދީން

ފަހު ދިހައެއް ފެށުން

Apr 14, 2023

ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މަހެކެވެ. މުޅި އެ މަހެވެ. ކޮޅުނެތްކޮޅަށް ބަރަކާތްތެރި މަހެކެވެ. އެ މަހުގެ ފަހު ދިހައެއް އަދި މާ ބަރަކާތްތެރިވެގެންވެ އެވެ. މާ މަތިވެރިވެގެންވެ އެވެ.

އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހުގެ ފަހު ދިހައެއް ފެށުނީ އެވެ. އިތުރަށް ހިތްވަރުކުރާންވީ ވަގުތު ޖެހުނީ އެވެ. ބަރަކާތުން ފުރިގެންވާ މެހެމާނާ އަޅުގަނޑުމެންނާ ވަކިވާން ވެސް ކައިރިވީއެވެ. ވަކިވުމުގެ ކުރީން އިތުރު ހެވާއި ސަވާބާއި ދަރުމައާއި ބަރަކާތް އަޅުގަނޑުމެންނަށް ލިބިދީފައި ދާން ބޭނުންވަނީ އެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއް އައިސް ބައްދަލުކޮށްފިއްޔާ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އިތުރަށް ހީވާގިވެވަޑައިގަންނަވަ އެވެ. އިތުރަށް އަޅުކަން ކުރައްވަ އެވެ. މުޅި ރޭ އަޅުކަމުގައި ހޭދަކުރައްވަ އެވެ. އެކަލޭނގެފާނުގެ އަހުލުންނަށް ވެސް ރޭއަޅުކަމަށް ބާރުއަޅުއްވަ އެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. މުޅި ކައުނަށް އަންނަ އެންމެ މަތިވެރި ރޭ ވެސް ވަނީ މި ފަހު ދިހައެއްގެ ރެއެއްގައި ވަންހަނާވެފަ އެވެ. އެ ރޭ ބުނާ ކަހަލަ އެވެ. އަހުރެންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނީ ހާލިސް ތެދުވެރި އަޅުންނަށެވެ. ކަންނެތްވެ ނިފާގުކަމުގެ ސިފައިން ސިފަ ލިބިފައިވާ ބަޔަކާ އަހުރެން ބައްދަލެއް ނުކުރާނަމެވެ.

އާދެ! ވާހަކަ މި ދެކެވެނީ ލައިލަތުލްޤަދްރީގެ ވާހަކަ އެވެ. އެއްހާސް މައްސަރުގެ ސަވާބާއި ދަރުމަ އެއް ރެއެއްގައި ޖަމާވެގެންވާ ރޭގެ ވާހަކަ އެވެ. މުޅި ކައުނު، މަލާއިކަތްބޭކަލުންގެ ފައުޖުތަކުން ފުރިގެންދާ ރޭގެ ވާހަކަ އެކެވެ. ގަދަރާއި ޝަރަފު އުފުލިގެންވާ ރޭގެ ވާހަކަ އެވެ. ކުރިއަށް އޮތް އަހަރުގެ ކަންކަން މާތް ﷲ ކަނޑައަޅުއްވައި ގަދަރުކުރައްވާ ރޭގެ ވާހަކަ އެވެ.

މިކަން މާތް ﷲ ޤަދްރު ސޫރަތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވައިފައިވެ އެވެ.

﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ. سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ﴾ (القدر ۱-٥) ‎

މާނައީ: "ހަމަކަށަވަރުން ތިމަން ﷲ އެ ގުރުއާން ބާވައިލެއްވީ ގަދްރުވިލޭރޭގަ އެވެ. އަދި ޤަދްރުވިލޭރެ އަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯ އެވެ؟ ޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެ ބޭކަލުންގެ ވެރިރައްބުގެ އިޒްނަފުޅާ އެކު، ހުރިހާ އަމުރުފުޅުތަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެއެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖެއުމަށް ދާންދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ." (ޤަދްރު 1-5)

ކައު ސާހިބާ މުހައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمގެ ވަރަށް ގިނަ ހަދީޘްތައް ވެސް މި ރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވެ އެވެ. މީގެތެރެއިން އެއް ހަދީޘެއްގައި އެކަލޭގެފާނު ހަދީޘްކުރައްވައިފައިވެ އެވެ.

(لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ)

މާނައީ: "މާތް ﷲ ގެ ހަޟްރަތުގައި އެ މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަހްރޫމްވެއްޖެ މީހާ، ފަހެ ހަމަކަށަވަރުން ވެސް އެ މީހަކު މަހްރޫމްވެއްޖެ އެވެ."

ފަހު ދިހައެއްގައި އިޢުތިކާފުކުރުން އިތުރަށް ސުންނަތްވެގެން ވަނީ މި ސަބަބާ ހުރެ އެވެ. ފަހު ދިހައެއްގެ ސަވާބާއި ދަރުމަ ހާސިލުކޮށް، ލައިލަތުލްޤަދްރި ވެސް ލިބިގަތުމަށްޓަކަ އެވެ. މުޅި ފަހު ދިހައެއް މާތް ﷲ އަށް އަޅުކަންކުރުމާއި ޒިކުރުކުރުމަށް ހާއްސަ ކުރުމަށެވެ. ސޮދަގާތްކުރުމާއި ނިކަމެތީންނާއި ފަގީރުންނަށް އެހީވުމަށެވެ. ސަވާބާއި ދަރުމައިގެ ޒައްރެއްގެ މިންވަރު ވެސް އަތުން ދޫވެގެން ނުދިޔުމަށެވެ. ދުއާ އަކީ ފަހު ދިހައެއްގެ ސަވާބާއި ދަރުމައާއި ބަރަކާތް ހާސިލްކުރުމުގެ ތައުފީގު އަޅުގަނޑުމެންނަށް މާތް ﷲ މިންވަރުކުރެއްވުމެވެ.

ލިޔުނީ: އައްޝައިޚް ޝަފީއު އަބްދުﷲ