ދުނިޔެ

ބޮލްސޮނާރޯ ފުލުހުންނަށް ބަޔާން ދެއްވުމަށް ކޯޓު އަމުރެއް

ބްރެޒިލްގައި މި އަހަރުގެ ޖެނުއަރީ އަށެއްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ބަޔާނެއް ދެއްވުމަށް ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް އެ ގައުމުގެ ސްޕްރީމް ކޯޓުން 10 ދުވަސް ދެއްވައިފި އެވެ.

ދައުލަތުގެ ތިންބާރާ ދެކޮޅަށް ޖެނުއަރީގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ އިދާރާތައް ގުޅިގެން ބޮޑު މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

ބޮލްސޮނާރޯގެ ފަރާތުން މި ތަހުގީގަށް ފުރިހަމައަށް އެއްބާލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ފަނޑިޔާރު ސޮއިކުރައްވާފައިވާ ބަޔާނުގައި ވެއެވެ. އެ ނޫން ގޮތެއްގައި ކަން ހިނގައި ދިޔަ ގޮތް ސާފުނުވާނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ.

ބޮލްސޮނާރޯގެ މައްޗަށް އޮތް ތުހުމަތުތަކުގެ ތެރޭގައި ޖެނުއަރީގައި ސަރުކާރު ބަދަލުވުމާ ގުޅިގެން އޭނާގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވައި ގައުމުގައި ހަނުޖެހުން ހިންގުމާއި ދައުލަތުގެ މުދަލަށާއި ތަންތަނަށް ގެއްލުންދިނުމަށް ބާރުއެޅުއްވުން ހިމެނެ އެވެ.

ބްރެޒިލްގައި މިފަހުން އޮތް ރިޔާސީ އިންތިޚާބުގައި ބޮލްސޮނާރޯއަށް ފުރުސަތު ގެއްލިވަޑައިގަތުމުން ވަނީ ގައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި އެމެރިކާގައި ހުންނަވައި ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ލޫލާއަށް ވަނީ ޕްރެޝަރުކުރައްވައި ސަޕޯޓަރުން ލައްވައި ޖެއްސުންކޮށްފަ އެވެ.

އެހެން ނަމަވެސް، ލޫލާގެ ސަރުކާރުން ބޮލްސޮނާރޯއަށް ކުރާ ތުހުމަތަށް އޭނާ ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ސިޔާސީ މައިދާނުގައި އޭނާއަށް ފުރުސަތު ހިންދާލުމެވެ.