ﷲ تعالىގެ ހަޟްރަތަށް ދުއާކޮށް އަދި އެ އިލާހުގެ ހަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައި ވެސް މުސްލިމުން އަދާކުރާ އަޅުކަމެކެވެ. އަދި ވަކިން ހާއްސަކޮށް ހާރުދަމުގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުއާ އިޖާބަކުރެއްވުމުގެ ފުރުސަތު ތަނަވަސްވެގެން އަންނަ ވަގުތެކެވެ.
ސޯލިހް އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ގުރުއާނުގައި ﷲ تعالى ވަހީކުރެއްވިއެވެ.
﴿إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ (١٦) كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ (١٧) وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (١٨)﴾ (الذاريات)
މާނައީ: "(16) އޭގެ ކުރިން ހަމަކަށަވަރުން އެބައިމީހުންވީ އިހްސާންތެރިން ކަމުގައެ ވެ. (17) އެބައިމީހުން ނިދާ އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގަ އެވެ. (18) އަދި ހާރުދަމުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުއާ ކުރެ އެވެ."
އަދިވެސް އެ އިލާހު ވަހީކުރެއްވި އެވެ.
﴿وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾ (آل عمران ١٧)
މާނައީ: "އަދި (އެބައިމީހުންނީ) ހާރުދަމުގައި ފާފަފުއްސެވުން އެދި ދުއާކުރާ މީހުންނެވެ."
ހާރުދަމުގެ ވަގުތުގައި ދުއާކުރާ އަޅުތަކުންނަށް، ﷲ تعالى އިޖާބަދެއްވާނޭކަމުގެ އުފާވެރި ހަބަރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ދެއްވާފަ އެވެ. އެކަލޭގެފާނު ހަދީޘްކުރެއްވި އެވެ.
"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" [صحيح البخاري (1145) وصحيح مسلم 168 - (758)]
މާނައީ: "ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަހީކުރައްވައެވެ. "ތިމަން އިލާހުގެ ހަޟްރަތަށް ދުއާ ދަންނަވަނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހެއްގެ ދުއާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ހަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް (އެ ކަމެއް) ފުއްދަވައިދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ."
ﷲ تعالىގެ ރަހްމަތާއި ފާފަފުއްސެވުމަށް އުއްމީދުކުރާ ހާލު، ހާރުދަމުގެ ވަގުތު ރޭ އަޅުކަމުގައި ހޭދަކުރުމަކީ ސޯލިހުންގެ އާދައެކެވެ. އަދި އަރަބި ޅެންވެރިން އެބޭކަލުންގެ ޅެންތަކުގައި ބުނެއުޅެ އެވެ.
"سِهامُ اللَيلِ لا تُخطِي"
މާނައީ: "ރޭގަނޑު (ދަންވަރު) އުކާ ދުނިދަނޑި އޭގެ އަމާޒަށް ވާސިލު ނުވެ ނުދާނެ އެވެ." އެބަހީ: ދަންވަރުގެ ވަގުތުގައި ކުރާ ދުއާ އިޖާބަވުން ގާތެވެ.
މީސްތަކުން ޣާފިލުވެފައިވާ އެ މަތިވެރި ވަގުތުގައި ދުއާކޮށް އަޅުކަން ކުރުމުގެ ތައުފީގު ލިބިއްޖެ މީހަކަށް ހުރި ކާމިޔާބީގެ ބޮޑުކަމާއެވެ!
ދުއާ އަކީ އަޅަމެންނީ އެ ވަގުތުގައި ފާފަފުއްސެވުމަށް އެދި، ﷲ تعالىގެ ހަޟްރަތަށް ގިނަގިނައިން ދުއާކުރުމުގެ ހެޔޮ ތައުފީގު ލިބިގެންދާ ބަޔަކުކަމުގައި ލެއްވުމެވެ! އާމީން.