ދުނިޔެ

ސޫދާންގައި އަސްކަރީ ވާދަވެރިކަމެއް، ކުރިމަތިލުން ތަކުގައި 56 މަރު

ސޫދާންގެ ވެރިރަށް ޚަރްތޫމްގައި އެ ގައުމުގެ އަސްކަރިއްޔާ އާއި އަދި އަސްކަރީ ޖެނެރަލުންގެ ބައިވެރިވުން އޮތް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ރެޕިޑް ސަޕޯޓް ފޯސަސް"އާ ދެމެދު ހިނގި ކުރިމަތިލުން ތަކެއްގައި 56 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މި ކުރިމަތިލުން ތަކުގައި އާންމުން ވެސް ހިމެނޭ ގޮތުން ވަރަށް ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާ ލިބުނު މީހުންގެ އަދަދު އަދި ގުނައި ހިސާބުކުރެވިފައެއް ނުވެ އެވެ.

އެހެން ނަމަވެސް، ޚަބަރުތައް ބުނާ ގޮތުން މި އަދަދު އުޅޭނީ 600 އަށް ވުރެ މަތީގަ އެވެ.

"ސޫދަނީޒް އާމްޑް ފޯސަސް" އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު ހަމަލާތައް ބަދަލުކުރެވެނީ ގައުމުގެ ވެރިކަމުގެ ދަހިވެތި ކަމުގަ އެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ހަމަލާތައް ދޭން ފެށި ބަޔަކާ މެދު ދެ ބައިގަނޑުގެ ދެމެދުގައި ވަނީ ޚިލާފު އުފެދިފަ އެވެ.

ރެޕިޑް ސަޕޯޓް ފޯސަސްއިން ބުނާ ގޮތުން ހަމަލާތައް ފުރަތަމަ ފެށީ ސިފައިންނެވެ. ސަރުކާރު ސިފައިން އާރްއެސްއެފްގެ އަމާޒުތަކަށް ލުއި ހަތިޔާރާއި ބަރު ހަތިޔާރުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރެޕިޑް ސަޕޯޓް ފޯސަސް އިން ބުނެ އެވެ.

ސޫދާންގަައި ހަމަނުޖެހުން އުފެދިގެން އުޅެނީ 2019 ގައި އޭރު ރައީސްކަމުގައި ހުންނެވި އުމަރު ހަސަން އަހްމަދު އަލް ބަޝީރު ވެރިކަމުން ދުރުކުރުމާ ހަމައިންނެވެ. އެއަށް ފަހު ސޫދާންގައި ސިޔާސީ ގޮތުން ހަމަނުޖެހުން ބޮޑުވެ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ވެރިކަމެއް އަދިވެސް އޮތީ ގާއިމު ނުކުރެވި އެވެ.

ސޫދާންގައި މިހާތަނަށް ވެރިކަން ކޮށްފައިވަނީ "ޓްރާންސިޝަނަލް ސޮވެރިން ކައުންސިލް" އަކުންނެވެ.

ވެރިކަމުގައި ހުންނެވީ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން އެވެ. ނައިބަކީ ރެޕިޑް ސަޕޯޓް ފޯސަސްގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫ އެވެ.

ސޫދާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި ހަމަލާތައް ބަދަލުކުރެވެނީ މި ދެ ޖެނެރަލުންނަށް ވާގިވެރިވާ ސިފައިންގެ މެދުގަ އެވެ.

ރެޕިޑް ސަޕޯޓް ފޯސަސް އިން ބުނާ ގޮތުން ދައުލަތުގެ ޓީވީ އާއި އެއާޕޯޓް އަދި ރިޔާސީ ގަނޑުވަރު -- ސިފައިންގެ ވެރިޔާ ހުންނަވާ ގަނޑުވަރު ވެސް މިހާރު ވަނީ އެ މީހުންގެ ބާރުގެ ދަށުގަ އެވެ. އެހެންނަމަވެސް ރަސްމީ ފަރާތަކުން މި ޚަބަރު ޔަގީންކޮށްދީފައެއް އަދި ނުވެ އެވެ.

ސޫދާންގައި ބާރުތައް މިހާރު ބެހިފައި އޮތް ގޮތް އަދި ކަށަވަރެއް ނުވެ އެވެ. ހަމަލާތައް ހުއްޓާލައި މަޝްވަރާ މޭޒުދޮށަށް ޖަމާވާން އދ. އައި އަރަބި ލީގު އަދި އެފްރިކަން ޔޫނިއަނުން ވަނީ މި ދެބަޔަށް ގޮވާލާފަ އެވެ.