ސޫދާންގައި ވާދަވެރި އަސްކަރީ ޖެނަރަލުންގެ މެދުގައި މިހާރު ބަދަލުކުރަމުން ގެންދާ ހަމަލާތަކުގެ ސަބަބުން މުޅި ގައުމުގައި އޮތީ ހަމަނުޖެހުމެވެ.
ވެރިކަމުގެ ބޭނުމުގައި ސަރުކާރުގެ އަސްކަރިއްޔާ އާއި ބާޣީ އަސްކަރީ ޖަމާއަތަކާ ދެމެދު ހަނގުރާމަ ފެށި އެތައް ބަޔަކު މިހާރު ވެސް ވަނީ މަރުވެފަ އެވެ.
ސޫދާނުގައި މިހާރު ތިބި ނޫސްވެރިން ބުނާ ގޮތުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތަށް ވަނީ ބުރޫއަރާފަ އެވެ. އިންޓަނެޓް ލިބެން ނެތުމުން ޚަބަރުތައް ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށް އެ މީހުން ބުނެ އެވެ.
ހަނގުރާމައިގެ އަމާޒު މިހާރު އޮތް ގޮތުން މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި ސޫދާންގައި ތިބި ބޭރު ގައުމުތަކުގެ އޮފިޝަލުން ވަނީ އެ ގައުމުން ބާލަން ފަށާފަ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ބައެއް އެމްބަސީތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ބަންދުކޮށްފަ އެވެ.
އިންޓަނެޓާ ގުޅުން ހުރި މުއާމަލާތްތައް ބަލަހައްޓާ "ނެޓްބްލޮކް" އިން ވެސް ވަނީ އިންޓަނެޓްގެ ތެރެއިން ސޫދާނަށް ނުފޯރާ ކަމަށް ބުނެފަ އެވެ. ނެޓްބްލޮކުން ބުނާ ގޮތުން އެ ގައުމުގެ މުޅި އާބާދީގެ ދެ ޕަސެންޓަށް ވެސް އިންޓަނެޓް މިހާރު ނުލިބެ އެވެ.
ވާދަވެރި އަސްކަރީ ދެ ގުރޫޕެއްގެ ދެމެދުގައި ހަމަލާތައް ބަދަލުކުރާއިރު ދޭސީއެއް ބިދޭސީއެއް ނުބަލަ އެވެ. އާންމުންގެ ރައްކާތެރި ކަމަށް ނުބަލާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ހަމަލާތައް ބަދަލުކުރަން ފެށި ފުރަތަމަ ދުވަހު މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފަ އެވެ.
ސޫދާން ހަނގުރާމައިގައި ދެ ފަރާތުން ވެސް އިލްޒާމު އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ.
ސަރުކާރުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ހަމަލާތައް ފުރަތަމަ ފެށީ ވަކިވެގަތުމަށް މަސައްކަތްކުރާ "ރެޕިޑް ސަޕޯޓް ފޯސަސް" އިން އެވެ. މިއީ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި ޖެނެރަލުން ގުޅިގެން އުފައްދާފައި އޮތް ގަވާއިދާ ޚިލާފު އަސްކަރީ ބާރެކެވެ.
ރެޕިޑް ސަޕޯޓް ފޯސަސް އިން ބުނަނީ ހަމަލާތައް ފުރަތަމަ ފެށީ ސަރުކާރު ސިފައިން ކަމަށެވެ. އަދި ހަމަލާތައް ދެމުން ގެންދަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށް\ވެސް އެ ޖަމާއަތުން ބުނެ އެވެ.