ޖިބޫޓީ

އިސްމާއީލް: ޖިބޫތީގައި ހަމަޖެހުން ގާއިމުކުރެއްވި

ޖިބޫތީގެ ރައީސްކަން އިސްމާއީލް އުމަރު ކުރައްވަމުން ގެންދަވަނީ 1999 އިން ފެށިގެންނެވެ.

އިސްމާއީލް އަކީ މިވަގުތު އެފްރިކާގައި އެންމެ ގިނަދުވަސްވީ އެއް ވެރިޔާ އެވެ. ރައީސް އިސްމާއީލް އުފަންވެވަޑައިގެންފައިވަނީ އިތިއޮޕިއާގެ ދާވާގައި ނޮވެމްބަރު 27، 1947 ގައެވެ. އެމަނިކުފާނު ނިސްބަތްވަނީ ޖިބޫތީ އަށް ހިޖުރަކުރި ސޯމާލީ އީސާ ނަސްލަށެވެ.

ރައީސް އިސްމާއީލް އިސްލާމީ ސްކޫލަކުން ސާނަވީ ތައުލީމް ހާސިލްކުރައްވާފައިވަނީ 1968 ގައެވެ. އޭގެ ފަހުން ޖިބޫތީގެ ފްރެންޗް އިސްތިއުމާރު އެޑްމިނިސްޓްރޭޝަންގެ ސިވިލް ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްޕުޅު ފެއްޓެވި އެވެ. އޭގެ ދެ އަހަރުފަހުން
ޕޮލިސް އިންސްޕެކްޓަރަކަށް އެމަނިކިފާނު ހަމަޖެހިގެން ދިޔަ އެވެ. ނަމަވެސް ޖިބޫތީގެ މިނިވަންކަމަށްޓަކައި ކުރައްވަން ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އެ މަގާމު ދޫކުރައްވަން ޖެހިވަޑައިގަތެވެ. އަދި ޖިބޫތީގެ ކުރިމަގު ކަމުގައިވި އެފްރިކަން ޕީޕަލްސް ލީގުގެ މަސައްކަތް ބޮޑުބޭބޭފުޅާ ބައިވެރިވެވަޑައިގެން ޖިބޫތީ އަށް މިނިވަންކަން ހޯއްދެވުމަށް އެކްޓިވިސްޓެއްގެ ގޮތުގައި 1975 ގައި މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އެގޮތުން ޖިބޫތީ ޓުޑޭއިގެ ނަމުގައި ނޫހެއް ނެރުއްވަމުން ގެންދެވި އެވެ. އަދި ބައިނަލްއަގުވާމީ ފޯރަމްތަކަށާއި ބޭރުގައުމުތަކަށް ވަޑައިގެން ޖިބޫތީގެ މިނިވަންކަމަށް މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އެމަނިކުފާނުގެ ބޮޑުބޭބޭފުޅުގެ ރައީސް ކަމުގެ ދައުރުގައި ޗީފް އޮފް ސްޓާފެއްގެ ގޮތުގައި 22 އަހަރު ހޭދަކުރައްވައި ޖިބޫތީގެ ދާހިލީ ސަލާމަތީ ބާރުތަކުގެ ހިންގުން ބަލަހައްޓަވާފައިވެ އެވެ.

ރައީސް އިސްމާއީލް ރައީސް ކަމަށް އިންތިހާބް ކުރެވިގެން ދިޔައީ ޖިބޫތީ ފްރާންސްގެ އަތްދަށުން މިނިވަންވުމަށްފަހު އެގައުމުގެ ފުރަތަމަ ރައީސް ކަމަށް 1977 ގައި ވަޑައިގެންނެވި ރައީސް އިސްމާއީލްގެ ބޮޑުބޭބޭފުޅު ހަސަން ޖައުލީދު އަބްތައިދޫން ރިޓަޔާ ކުރައްވައި އިސްމާއީލް ވެރިކަމަށް ވަޑައިގަތުމަށް އިޝާރާތް ކުރެއްވުމުންނެވެ. އެމަނިކުފާނު 1999ގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު 2005، 2011، 2016 އަދި 2021ގެ އިންތިހާބުތައްވެސް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ޖިބޫތީގެ މިނިވަންކަމަށް މަސައްކަތް ކުރި ލީގު ފަހުން ސިޔާސީ ޕާޓީއަކަށް ބަދަލުވެ ޕީޕަލްސް އެލަޔަންސް ފޯ ޕްރޮގްރެސް 1979 ގައި އުފެދުމާއެކު އެ ޕާޓީގެ އިސް މަގާމުތަކުގައި މަސައްކަތްޕުޅު ކުރައްވަމުން ރައީސް އިސްމާއީލް ވަޑައިގެންފައިވެ އެވެ. އެމަނިކުފާނުގެ ކުޅަދާނަ ލީޑާޝިޕާއެކު ޕާޓީގެ އެންމެ އުހަށް ކުރުމުއްދަތެއްގައި ވަޑައިގެންފައިވެ އެވެ.

ރައީސް އިސްމާއީލްގެ އެންމެ މުހިއްމު މަސައްކަތްޕުޅަކަށް ވެފައިވަނީ ޖިބޫތީގެ މިނިވަންކަމަށްފަހު އުފެދުނު ދާހިލީ ހަމަނުޖެހުންތަކަށް ދާއިމީ ސުލްހައިގެ އެއްބަސްވުމެއް އެއްވެސް މީޑިއޭޓަރަކާއި ނުލައި ދެ ޖަމާއަތުގެ ދެމެދުގައި އެކުލަވާލައްވައި ގައުމުގައި ހަމަޖެހުން ދެމެހެއްޓެވުމެވެ.

ރައީސް އިސްމާއީލް ވަނީ ޖިބޫތީގެ އިސްތިއުމާރީ ބާރު ފްރާންސާއި ގާތް ގުޅުމެއް އެމަނިކުފާނުގެ ދައުރުގައިވެސް ބާއްވާފަ އެވެ. އިގްތިސޯދީ ގޮތުން އިރުމަތީ އެފްރިކާގެ އަވަށްޓެރި ގައުމުތައް ކަމުގައިވާ އިތިއޮޕިއާ އާއި އެރިތްރިއާ އަދި ސޯމާލިޔާ އާއެކު ގާތް ގުޅުންތަކެއް އުފައްދަވައި ސަރަހައްދުގެ ވިޔަފާރީގެ ބައިވެރިޔަކަށް ހެއްދެވި އެވެ. ނަމަވެސް އަވަށްޓެރި ބޮޑެތި ގައުމުތަކުގެ ނުފޫޒުގެ ދަށުން ނެއްޓި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް އިސްމާއީލް ވަނީ މަގު ކޮށްޓަވާފަ އެވެ.

ރައީސް އިސްމާއީލްގެ ވެރިކަމުގައި ޖިބޫތީން ދަނީ އެމެރިކާ، ރަޝިއާ އަދި ޗައިނާގެ މަސްލަހަތުގައި އެގައުމުތަކާއި ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

އަރަބިއަން ޕެނިންސުލާއާ ޖެހިގެން އޮތް އިރުމަތީ އެފްރިކާގެ ކުޑަ ޖިބޫތީގައި އެފްރިކާގައި އޮތް އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ޖިބޫތީގައި ގާއިމުވެފައިވަނީ ރައީސް އިސްމާއީލްގެ ވެރިކަމުގަ އެވެ. އެކަން އެހެން ދިމާވެފައިވަނީ ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދެވުނު ހަމަލާތަކާއި ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ފެށި ޖަނގުރާމައިގެ ނަތީޖާ އެއްގެ ގޮތުންނެވެ. ނަމަވެސް ރައީސް އިސްމާއީލް ވަނީ އެމެރިކާއިން އިރާގަށް އެރި މައްސަލާގައި އެމެރިކާއާ ދެކޮޅު ހައްދަވާފަ އެވެ. ރައީސް އިސްމާއީލް ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވްގައި ބައިވެރިވެ ޗައިނާއާ އެކުވެސް ގާތް ގުޅުމުއްބާއްވައި އެފްރކިގާއި މިނިވަން ވިޔަފާރި އަކަށް މަގުފަހި ކުރެއްވުމުގެ މަސައްކަތްޕުޅުވެސް ދަނީ ކުރައްވަމުންނެވެ.