ކްރިމިނަލް ކޯޓް

ރާއްޖެއަށް ޑްރަގު އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް

ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ އަންހެން މީހާ -- ލަލްތުލަންޕަރިގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަނެވުނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެ ކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރު ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން މި މީހާގެ ބަންދަށް ދިނީ ތިން ދުވަހެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެވެ.

ލަލްތުލަންޕަރި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްގެ ލިޔުންތަކާއި ކްރިމިނަލް ކޯޓުގެ ބަންދުގައި އަމުރުގައިވެ އެވެ.

އަންހެން މީހާގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. މިތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ކަސްޓަމްސް އިން ވަނީ ވައިގެ މަގުން މިމަހުގެ 13 ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާން މީހެއްގެ ލަގެޖުން 4.98 ކިލޯގެ ހެރޮއިން ވެސް އަތުލައިގެންފަ އެވެ. މިތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.