ދުނިޔެ

ސޫދާންގައި ތިބި އދ. ގެ މުވައްޒަފުން ބޭރުކުރަނީ

ސޫދާންގައި ސަރުކާރުގެ އަސްކަރިއްޔާ އާއި ވާދަވެރި އަދި ގަވާއިދާ ޚިލާފު އަސްކަރީ ބައިގަނޑެއްގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފެށުމުގެ ސަބަބުން މުޅި ގައުމުގައި މިހާރު އޮތީ ދާޚިލީ ހަނގުރާމައެއްގެ ބިރު އުފެދިފަ އެވެ.

ސޫދާނީޒް އާމްޑް ފޯސަސް އާއި "ރެޕިޑް ސަޕޯޓް ފޯސަސް" އާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން މަރުވެ 1،8000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާލިބި ފަރުވާދޭން ޖެހިފައިވެ އެވެ.

ސޫދާންގައި އދ. އިން ހިންގާ ޕްރޮގްރާމްތަކާ ހަވާލުވަޑައިގެން ހުންނެވި ވޯކާ ޕާތާސް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ސޫދާންގައި މިހާރު އޮތީ އދ. ގެ އޮފިޝަލުންނަށް ރައްކާތެރި މާހައުލެއް ނޫނެވެ.

އޭނާ އަދި ވިދާޅުވީ އދ. ގެ ވިސްނުމަކީ ސޫދާންގައި މިވަގުތަށް ކޮންމެހެން ތިބެން ޖެހޭ އޮފިޝަލުން ފިޔައި ދެން ތިބި މީހުން ފޮނުވާލުމެވެ.

ވޯކާ ޕާތާސް ވިދާޅުވި ގޮތުގައި ހަމަލާތައް އަމާޒުކުރަނީ ސޫދާންގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ބޭރު ގައުމުތަކުން ސޫދާންގައި ހިންގާ މުއާމަލާތްތަކުގައި ބައިވެރިވާ އޮފިޝަލުންނާއި އދ. ގެ އޮފިޝަލުންނަށް ވެސް ހަނގުރާމައިގެ އަސަރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ގެ ނިންމުން މި ގޮތަށް އައިސްފައި މިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ޔޫރަޕިއަން ޔޫނިއަނުން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގޭގައި ހުންނަވަނިކޮށް ހަމަލާއަރާފައިވާ ކަމަށް ބޮރެލް ވިދާޅުވި އެވެ.

"ސޫދަނީޒް އާމްޑް ފޯސަސް" އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު ހަމަލާތައް ބަދަލުކުރެވެނީ ގައުމުގެ ވެރިކަމުގެ ދަހިވެތި ކަމުގަ އެވެ.

ރެޕިޑް ސަޕޯޓް ފޯސަސްއިން ބުނާ ގޮތުން ހަމަލާތައް ފުރަތަމަ ފެށީ ސިފައިންނެވެ. ސަރުކާރު ސިފައިން އާރްއެސްއެފްގެ އަމާޒުތަކަށް ލުއި ހަތިޔާރާއި ބަރު ހަތިޔާރުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރެޕިޑް ސަޕޯޓް ފޯސަސް އިން ބުނެ އެވެ.

ސޫދާންގަައި ހަމަނުޖެހުން އުފެދިގެން އުޅެނީ 2019 ގައި އޭރު ރައީސްކަމުގައި ހުންނެވި އުމަރު ހަސަން އަހްމަދު އަލް ބަޝީރު ވެރިކަމުން ދުރުކުރުމާ ހަމައިންނެވެ.

ސޫދާންގައި މިހާރު ވެރިކަންކުރަނީ "ޓްރާންސިޝަނަލް ސޮވެރިން ކައުންސިލް" އަކުންނެވެ. ކައުންސިލްގައި ހިމެނެނީ މިހާރު ވެރިކަމުގައި ހުންނެވި ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލްބުރުހާން އެވެ. ނައިބަކީ ރެޕިޑް ސަޕޯޓް ފޯސަސްގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫ އެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި ހަމަލާތައް ބަދަލުކުރެވެނީ މި ދެ ޖެނެރަލުންނަށް ވާގިވެރިވާ ސިފައިންގެ މެދުގަ އެވެ.