ޕީޕީއެމް

ޝިޔާމާއި ޝުޖާއު ހެކިބަސް ދޭކަށް ނެތް: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ރަމީޒާ ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ އިސް ދެ ބޭފުޅަކު ހެކިބަސް ދޭ ކަމަށް ބުނާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފި އެވެ.

ޑރ. މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރައްވާތީ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމްއަށް ހުށަހަޅާފައިވަނީ ސީދާ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށް އެނގިފައިވެ އެވެ.

ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ޕީޕީއެމް އިން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

މިމައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް މިއަދު މެންދުރުފަހު 2:00 ގައި ރަމީޒު ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގާފައިވެ އެވެ.

ބައެއް ނޫސްތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި ރަމީޒުއާ ދެކޮޅަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު މިރޭ ސުލޫކް ކޮމިޓީއަށް ހާޒިރުވެ ބަޔާނެއް ދެއްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ބައެއް ނޫސްތަކުން ފެތުރި ހަބަރު ދޮގުކޮށްފަ އެވެ. އެގޮތުން ހީނާ ވިދާޅުވީ ޝުޖާއު އާއި ޝިޔާމު ޕީޕީއެމްގެ އެއްވެސް ކޮމިޓީއަކަށް ހެކިބަސް ދޭން ހަމަޖެހިފައި ނުވާ ކަމަށެވެ.

ރަމީޒު ވެސް މިއަދު ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީއަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަން ޔަގީންކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ބައެއް ނަންތައް ހުށަހަޅުއްވާފަ އެވެ. މީގެތެރޭގައި ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ސެނެޓަރުންވެސް ހިމެނެ އެވެ.

ކައުންސިލަރު ރަމީޒު ފާހަގަކުރެވެނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގަ އެވެ.

މުއިއްޒު މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން މުއިއްޒު އެ ދުވަހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމާއި ރަނިންމޭޓްކަން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެއީ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި މަގާމުގެ ހައިސިއްޔަތުން އިސްކަންދެއްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރިޔާސީ އިންތިހާބަށް ނުވަތަ އެހެން ކަމަކަށް ކުރިމަތިލާން ނުވަތަ ރަނިންމޭޓް ކަންވެސް ބޭނުންވާ މީހެއް ނޫން. އަޅުގަނޑަކީ އެއަށް ވުރެ މާ ސިމްޕަލް މީހެއް. އަޅުގަނޑުގެ ތިކަހަލަ ވިސްނުމެއް ނުހުންނާނެ." މޭޔަރު ވިދާޅުވި އެވެ.