ދީން

ހަރުކަށިވެ ހައްދުފަހަނައެޅުމުގެ ނުބައިކަން

Apr 6, 2024

ހަރުކަށިވެ ހައްދުފަހަނަޅާ ދިއުމަކީ މާތް الله އާއި އެ ކަލާންގެ ނަބިއްޔާ މުހައްމަދު ﷺ ނަހީ ކުރައްވާފައިވާ އަމަލެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ތިޔަބައިމީހުން ހައްދުފަހަނަޅައި ދިޔުމުން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވުމުގެ ސަބަބަކަށް ވީވެސް ދީނުގައި ހައްދުފަހަނަޅައި ދިޔުމެވެ."

ހަމަ އެފަދައިން ދީނީ ގޮތުން ހައްދުފަހަނަޅައި ދިޔުމަކީ މީސްތަކުންގެ އަގީދާ ބަލިކަށިވެގެންދާ ކަމެއްވެސް މެއެވެ. އެހެނީ ހައްދުފަހަނަޅައިދާ މީހާއަށް ޝަރީއަތުގައި ބަޔާންވެގެންވާ ގޮތާއި ދުރަށް ދެވެ އެވެ.

އިސްލާމްދީނުގެ މެދުމިންކަމާއި، ސަމާހަތަކީ އިންސާނީ ސިކުނޑިން އެކަށައަޅާފައިވާ ކަމެއް ނޫނެވެ. އެކަން ކަނޑައަޅުއްވާފައިވަނީ ޝަރުއީ ނައްސުތަކުންނެވެ. އިސްލާމްދީނުގެ ތައުލީމުގައި ފުރިހަމައަށް ހިފަހައްޓައިގެން ހުންނަ މީހާ މެދުމިން ފަހަނައަޅައި ދިއުމުން ސަލާމަތް ވާނެ އެވެ. ހައްދު ފަހަނައަޅާފައިވާ މީހާ ނުވަތަ ދީނުގެ ތައުލީމަށް ފުރިހަމައަށް އަހުލުވެރިވެފައި ނުވާ މީހާ މަގުން ކަސިޔާރުވެގެންދަނީ، ދީނުގެ ތައުލީމުގައި ފުރިހަމައަށް ހިފަހައްޓާފައި ނުވާތީއެވެ.

އިސްލާމީ ޝަރީއަތަށް ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް ފެނިގެންދާނީ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ލެއްވިގެންވަނީ އަޅުތަކުންގެ މަސްލަހަތުތައް ރައްކާތެރިކުރެއްވުމަށް ކަމެވެ. އަޅުތަކުންނަށް ގެއްލުން ހުރި ކަންތައްތަކުން އެބައިމީހުން ރައްކާތެރި ކުރެއްވުމަށާއި، އެބައިމީހުންނަށް ދެ ދުނިޔޭގައިވެސް ކާމިޔާބު ހުރި ގޮތަށް މަގު ދެއްކެވުމަށް ކަމެވެ.

އިލްމުވެރިން ބަޔާންކޮށް ދެއްވާފައިވާ ގޮތަށް ކީރިތި ގުރުއާނުގެ ސަފްހާތަކަށް ނަޒަރު ހިންގައިލުމުން ފެނިގެންދަނީ، ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވާ ސަމާހަތުގެ ވާހަކަ އެވެ. މެދުމިނުގެ ވާހަކަ އެވެ.

މާތް الله ކީރިތި ގުރުއާނުގައި އެކަލާންގެ ނަބިއްޔާ އާއި މުހާތަބު ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެ މީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ"

އިސްލާމްދީން ވަނީ މެދުމިނުގެ އުސޫލުތަކެއް ގެނެސްދީފަ އެވެ. އަސަބިއްޔަތާއި މަވަންތަކަމުގެ ފިކުރު މުޖުމައުން ފޮހެލުމަށް އަމުރުކޮށްފަ އެވެ. ހަމަ އެފަދައިން މަޒުހަބީ ވަންތަކަމާއި، ދީނުގެ އަސަބިއްޔަތުން އެކަހެރިވެ މެދުމިނުގެ ދީން ކަމުގައިވާ އިސްލާމްދީނަށް ބޯލެނބުމަށް ގޮވާލާފަ އެވެ.

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެ ކަލާންގެ حقތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ،"