ބޮލީވުޑް

އަނޫޕަމާ: ރުޕާލީ އާއި ސުދާންޝޫ އެއްގަލަށް ނާރަނީ ކީއްވެ؟

ސްޓާ ޕްލަސްގެ "އަނޫޕަމާ" އަކީ މިހާރު ދައްކާ ޓީވީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު ޝޯ އެވެ. މި ޝޯގެ ލީޑް ކެރެކްޓާތައް ކަމަށްވާ އަނޫޕަމާ އާއި ވަންރާޖްގެ ކެރެކްޓާ ކުޅެނީ ރުޕާލީ ގަންގޫލީ އާއި ސުދާންޝޫ ޕާންޑޭ އެވެ.

ޝޯގައި ވެސް ދައްކަނީ މި ދެ އެކްޓަރުންގެ މެދުގައި ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެއް އޮވެ އަބަދުވެސް ދެމީހުން އެކަކު އަނެކަކާ ކުރިމަތިލާ މަންޒަރުތަކެވެ. ހަމަ އެފަދައިން ހަގީގަތުގައިވެސް މި ދެ ތަރިންގެ ކޯޅުން ވަރަށް ބޮޑު ކަމަށް ސިލްސިލާ ފެށީއްސުރެ އިންޑިއާގެ ނޫސްތަކުން ފެނެ އެވެ. ނަމަވެސް މިހާތަނަށް މި ވާހަކަތަކަށް ރުޕާލީ އާއި ސުދާންޝޫ އެއްބަހެއް ނުވެ އެވެ. އަދި އެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައިވާ ކަމަކަށް އެމީހުން ގަބޫލުކުރާކަށް ބޭނުމެއް ނުވެ އެވެ.

މިހެން ކަންތައް އޮއްވާ ދާދިފަހުން ރުޕާލީ ދިން އިންޓަވިއު އެއްގައި ސުދާންޝޫ އާއި އޭނާގެ މެދުގައި އޮތް ދެކޮޅުވެރިކަމުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. ރުޕާލީ ބުނީ ކޮންމެ ދުވަހަކު 12 ގަޑިއިރު ނުވަތަ 14 ގަޑިއިރު އެކުގައި މަސައްކަތް ކުރަން ޖެހުމުން ޚިޔާލު ތަފާތުވުންތަކާއި އަރާރުންތައް ހިނގާނެ ކަމަށް ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭނެ އެވެ. އަދި ސުދާންޝޫ އާއި އޭނާ އަކީ މާ ގާތް އެކުވެރިން ނޫނަސް އެކްޓަރެއްގެ ހައިސިއްޔަތުން ސުދާންޝޫ އަށް އިހްތިރާމް ކުރާ ކަމަށެވެ.

"ދުވާލަކު 12-14ގަޑިއިރު އެކުގައި ހޭދަކުރަން ފެށުމުން އާއިލީ ގުޅުން އެންމެންގެ މެދުގައި އުފެދޭ. އެހެންވެ އާއިލާތަކުގައި އޮންނަ ކަހަލަ ޚިޔާލުތަފާތުވުންތަކާއި އަރާރުންތައް އަހަރެމެންގެ މެދުގައި ވެސް އޮތުމަކީ ހަމަ އާދައިގެ ކަމެއް. އެގޮތުން އަހަރެމެން ވެސް އެކަކު އަނެކަކާ ވަރަށް ދެބަސްވެ އަރާރުންވެ އުޅެން. ނަމަވެސް އޭގެ ދެތިން ދުވަހެއް ފަހުން އަނެއްކާވެސް އެކަން ހަނދާން ނައްތާލައި އެކުގައި މަޖާކޮށް ވަގުތު ހޭދަކުރަން،" ރުޕާލީ ބުންޏެވެ.

ރުޕާލީ ބުނި ގޮތުގައި އޭނާ އާއި ސުދާންޝޫ އަކީ ވަރަށް ވަރުގަދަ ޝަހްސިއްޔަތުތަކެއްގެ ވެރިންނެވެ. އެހެންވީމާ އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ހުންނާނެ އެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި އޭނާ ސުދާންޝޫ އަށް ވަރަށް އިހްތިރާމްކުރެ އެވެ. އަދި އޭނާ އާއެކު މަންޒަރުތައް ޝޫޓްކުރުމަށް ލޯބިކުރާ ކަމަށްވެސް ރުޕާލީ ބުންޏެވެ.
ސުދާންޝޫ ވެސް މި އިންޓަވިއުގައި ފަހުން ބައިވެރިވި އެވެ. އޭނާވެސް ދެއްކީ ހަމަ ރުޕާލީ ދެއްކި ކަހަލަ ވާހަކަ ތަކެކެވެ.