ދީން

އަވަށްޓެރީންނަށް ކަމޭހިތުން

Apr 21, 2023

އިސްލާމްދީން ބިނާވެފައިވަނީ ދެ ބަޔަކަށެވެ. އެއީ އިބާދާތުގެ (އަޅުކަމުގެ) ބަޔާއި މުއާމަލާތުގެ ބަޔެވެ. އިބާދާތުގެ ބަޔަކީ، އަޅުގަނޑުމެންނާއި މާތް ﷲއާ ދެމެދުގައިވާ ގުޅުމެވެ. މާތް ﷲއަށް އަދާކުރަން ޖެހޭ ހައްގުތަކެވެ. މުއާމަލާތުގެ ބަޔަކީ މާތް ﷲ އަމުރުކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެން އެކަކު އަނެކަކާ ދެމެދުގައި ގާއިމުކުރަން ޖެހޭ ގުޅުމެވެ. އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ހައްގުތަކެވެ.

މުއާމަލާތުކުރަން ޖެހޭ މިންގަނޑުތަކާއި އަހްކާމުތަކެވެ. ދޭދޭ އަފްރާދުންގެ މެދުގައި އޮންނާން ޖެހޭ ގުޅުމެވެ. މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އަސާސީ ގުޅުންތަކެވެ. މި ގުޅުންތައް ވަރަށް ގިނަ އެވެ. މީގެތެރެއިން އެންމެ މުހިއްމު އެއް ގުޅުމަކީ، އަވަށްޓެރީންނާ މެދުގައި ބަހައްޓަން ޖެހޭ ގުޅުމެވެ. އަވަށްޓެރީންނަށް އަދާކުރަން ޖެހޭ ހައްގުތަކެވެ.

އަވަށްޓެރީންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. މި ކަން އެނގޭ އެންމެ ވަރުގަދަ އެއް ހަދީޘްފުޅަކީ "مَا زَالَ جِبْرِيْلُ يُوْصِيْنِيْ بِالْجَارِ، حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ" (البخاري: 6015)

"ތިމަންކަލޭގެފާނަށް ޖިބްރީލުގެފާނު އަވަށްޓެރިޔާއާ ބެހޭ ގޮތުން ވަސިއްޔަތް ކުރައްވަމުން ގެންދެވި އެވެ. އެންމެ ފަހުން އަވަށްޓެރިޔާއަކީ ވާރުތަވެރިއެކޭ ވިދާޅުވެދާނެއޭ ހީވާ ހިސާބަށެވެ."

ހަމައެކަނި އިސްވެ އެ ދިޔަ ހަދީޘްފުޅަށް ނަޒަރު ހިންގިޔަސް، އިސްލާމްދީނުގައި އަވަށްޓެރިޔާއަށް ކަމޭހިތުމަށް ދެއްވައިފައިވާ އަހަންމިއްޔަތު އެނގިގެންދެ އެވެ. އަވަށްޓެރިޔާގެ މައްޗަށް އަޅުގަނޑުމެން އަދާކުރަން އިސްލާމްދީނުގައި ވަނީ ވާޖިބުތަކެއް ވެސް ލައްވާފަ އެވެ. އެގޮތުން އޭނާއަށް ކަމޭހިތުމާއި އޯގާތެރިވުމާއި އިހްސާންތެރިވުން ހިމެނެ އެވެ. އަދި އޭނާއަށް އުނދަގޫވާ ކަންކަން ނުކުރުން ވެސް ހިމެނެ އެވެ.

އޭނާއަކީ ގާތް އަޚެއް ކަމުގައި ބެލުމާއި، އޭނައާ މެދު އަނިޔާވެރި ނުވުމާއި، ހަސަދަވެރިކަމެއް ނުގެންގުޅުމާއި، ނަފްރަތްތެރިކަމެއް ނުބޭއްވުމާއި، އޭނާއާ އެކު ކުރާ މުއާމަލާތްތަކުގައި ތެދުވެރިވުމާއި، އޯގާތެރިވުމާއި، އޭނާގެ ފަރާތުން ދިމާވާ ކަންކަމަށް މާފުކުރުމާއި، ހިތްހެޔޮ ކުރުމާއި، އޭނައާއި އޭނާގެ އަނބިދަރީންގެ އަބުރާއި އިއްޒަތާއި ކަރާމަތަށް ގެއްލުންވާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމާއި، ނުބައި ނަޒަރުން އެބައިމީހުންނާ ދިމާއަށް ކަޅި ނޭއްލުމާއި، ހިތުގައި އެބައިމީހުންނާ މެދު ނުބައި އެދުމެއް ނުބޭއްވުމާއި، އޭނާއަށް އުނދަގޫވާ ވަރަށް އަޑުގަދަ ނުކުރުމާއި، އޭނާގެ ސިއްރުތައް ވަންހަނާކުރުމާއި، އޭނާ ފަޟީހަތް ނުކުރުމާއި، އޭނައަށް ހަދިޔާ ދިނުމާއި، ހެޔޮ ފޯރުކޮށްދިނުން ހިމެނިގެންވެ އެވެ.

އަވަށްޓެރިޔާއަށް އުނދަގޫވާ ކަންކަމުން ދުރުވުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއް ކަމުގައި ބަޔާންކުރައްވަމުން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘް ކުރައްވާފައިވެ އެވެ.

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ، فَلاَ يُؤْذِ جَارَهُ (البخاري: 6018)

މާނައީ: "މާތް ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާ މީހަކު ނަމަ، އަވައްޓެރިޔާއަށް އުނދަގޫ ނުކުރާ ހުށިކަމެވެ."

މިއަދު އަޅުގަނޑުމެންގެ މުޖުތަމައަށް ނަޒަރު ހިންގާއިރު އަވައްޓެރީންނަށް ކަމޭހިތުމުގެ އާދަކާދަ ދަނީ ނެތެމުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އަހްލާގަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވި ބައެކެވެ. އަވަށްޓެރީންނަށް އެހީތެރިވަނީ އެއީ އެއްބަނޑު އެއްބަފާ ބައެއް ފަދައިންނެވެ. އަވަށްޓެރީންގެ ދަރީންނާ މެދު މުއާމަލާތުކުރަނީ އަމިއްލަ ދަރީން ކަމުގައި ބަލައިގެންނެވެ. ގޭގައި އެއްޗެއް ކައްކައިފިއްޔާ އަވަށްޓެރިޔާއަށް އެ އެއްޗެއް ފޮނުވަ އެވެ. އަވަށްޓެރިޔާ ބަލިވެއްޖެއްޔާ އޭނާގެ ހުރިހާ ކަމެއް ކޮށްދެއެވެ.

މިއީ އަޅުގަނޑުމެންގެ މުސްލިމް ކާބަފައިން ދައްކާފައިވާ ރިވެތި އާދަކާދަ އެވެ. މި އާދަކާދަ އަޅުގަނޑުމެން އަލުން އާލާކުރާން ޖެހެ އެވެ. ހަމައެކަނި އާދަކާދައެއްގެ ގޮތުގައެއް ނޫނެވެ. ދީނީ އެންމެ މަތިވެރި އަހްލާގިއްޔާތުގެ ބައެއްގެ ގޮތުން ވެސް މެއެވެ. 

ލިޔުނީ: އައްޝައިޚް ޝަފީއު އަބްދުﷲ