މޯލްޑިވްސް ޕޮލިސް ސާވިސް

ބޮޑެތި ކުށްތަކެއްގެ ތުހުމަތު އޮންނަ މަފާޒު އަނެއްކާވެސް ހައްޔަރުކޮށްފި

Apr 23, 2023
2

ޖިނާއީ ބޮޑެތި ކުށްތަކެއްގެ ރެކޯޑް އޮންނަ ގ. ޝާރާޒް، މުހައްމަދު މަފާޒު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން އެންމެ ފަހުން މަފާޒު ހައްޔަރުކޮށްފައި މިވަނީ ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގަ އެވެ.

މިމައްސަލައިގެ ތުހުމަތުގައި މަފާޒު އާއި އިތުރު ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އިއްޔެ ވަނީ ތިން މީހުންގެ ބަންދަށް ވެސް ހަތް ދުވަސް ޖަހައިދީފަ އެވެ.

މަފާޒު އަނެއްކާވެސް ހައްޔަރުކޮށްފައި މިވަނީ މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ދޫކޮށްލިތާ ފަސް މަސް ފަހުންނެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި މަފާޒުގެ މައްޗަށް ދައުލަތުން އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ޖަލުގައި ހުރެގެންވެސް މަފާޒު ވަނީ ފުލުހަކަށް މަރުގެ އިންޒާރު ދީފަ އެވެ. އެ މައްސަލަ ސާބިތުވެ 2021 ވަނަ އަހަރު އޭނާ ވަނީ 18 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.

މަފާޒަކީ މީހުން މެރުމާއި، ގޭންގް މާރާމާރީއާއި، ފޭރުމާއި، އިންޒާރު ދިނުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.