ހައްޖުގެ އަޅުކަން

ހައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން އިތުރަށް ފައިސާ ނަގަނީ

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކުން ސަރުކާރުން ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ދައްކަން ބުނާ މައްސަލަ ފެންމަތިވެއްޖެ އެެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ގެންދިއުމަަށް ހުއްދަ ދީފައިވާ ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަންގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް، އަލްހަރަމައިން ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އަލްމަނާސިކުން ބޮލަކަށް 75،000 ރުފިޔާ ނަގާއިރު އަލްހަރަމައިން ގުރޫޕުން ބޮލަކަށް ނަގަނީ 75،250 ރުފިޔާ އެވެ. އަދި ސިސިލްފަރުން ބޮލަކަށް 75،465 ރުފިޔާ މިއަހަރު ނަގަން ނިންމާފައިވެ އެވެ.

އަމިއްލަ ކުންފުނިތަކުން މީހެއްގެ އަތުން ފައިސާ ނެގުމަށް ހުއްދަ ދީފައިވާ އަދަދުގެ އިތުރަށް އިތުރު ފައިސާ ނަގާ ކަމުގެ ޝަކުވާ ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ހައްޖަށް ދާން ބޭނުންވާ މީހުންގެ ޑިމާންޑެއް އޮތުމާ ގުޅިގެން ހުއްދަ ނަގާފައިވާ ބައެއް ކުންފުނިތަކުން ގެންދަނީ ލައްކައަކަށް ވުރެ ކުޑަކޮށް ހައްޖަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ.

ކުންފުނިތަކަށް ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑު އަގެއް ބައެއް ކުންފުނިތަކުން ކިޔާ ކަމަށް ބުނެ އެ މައްސަލަ އެންމެ ބޮޑަށް ފެންމަތިކޮށްފައިވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި އަދަދަކަށް ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ބިޑް ކާމިޔާބު ކުރުމަށްފަހު "މޭޒު ދަށުން" ބައެއް ހައްޖު ގުރޫޕްތަކުން ބޮލަކަށް 150،000 ރުފިޔާ ނަގާ ވާހަކަ އަޑުއިވިފައިވާ ކަމަށެވެ.

"މިފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބު ކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޔާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ.

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ކުންފުނިތަކުން އިތުރަށް ފައިސާ ނެގުމަކީ އެކަމާ ގުޅޭ އުސޫލުގައިވާ ގޮތުން ކުށެކެވެ. އަދި އެއީ ހުއްދަ ބާތިލްކުރެވޭނެ ކަމެކެވެ.